19 Jul 2013, 15:39
ހދ. ހަނިމާދޫގައި ޓޫރިސްޓް ސިޓީ ހޮޓަލެއް ހެދުމަށް އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ހަނިމާދޫ ކައުންސިލް އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކު އެ ރަށު ކައުންސިލުން ސިޓީ ހޮޓާ ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން ކުއްޔަށް ދޫކުރާ މުއްދަކީ 50 އަހަރަށް ކަމަށެވެ. އަދި މިބިން ކުއްޔަށް ދޫކުރެވޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން މ. މާފަންނުވިލާ ފާތިމަތު ތަސްލީމާ އަށް 4.1 ހެކްޓަރުގެ ބިމެއް 2007 ވަނަ އަހަރު ސަރުކާރުން ކުއްޔަށް ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ ހޮޓަލުގެ އެއްވެސް މަސައްކަތެއް ފަށާފައެއްނުވެ އެވެ.
ހަނިމާދޫ ކައުންސިލް އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ހަނިމާދޫގައި ޓޫރިސްޓް ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވިއްކާ ބީލަންފޮތް އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށެވެ.
ހަނިމާދޫ ސިޓީ ހޮޓެލްގެ ބިޑިން ޑޮކިއުމެންޓުގެ އަގަކީ ދިވެހިންނަށް ނުވަތަ ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް 2000ރ. އެވެ. އަދި ބިދޭސީ ފަރާތްތަކަށް ނުވަތަ ބިދޭސީން ހިއްސާވާ ކުންފުނިތަކަށް 130 ޑޮލަރެވެ.
އެ ކައުންސިލުން ބުނީ ބީލަން ތައްޔާރުކޮށް ހުށަހަޅަން ޖެހޭނީ އޯގަސްޓް 12ގެ ގެ ކުރިން ކަމަށެވެ. ނަމަވެސް އެ ހޮޓާ އަޅަން ދޫކުރާ ބިމުގެ ސައިޒެއް އަދި ކޮން ސަރަހައްދެއް ކަމެއް ނުބުނެ އެވެ.