އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.
ރޯދަޔަށް ހުރެ ހަނދާން ނެތިގެން އެއްޗެއް ކައިބޮއި ހަދައިފި މީހާ އޭނާގެ ރޯދަ ފުރިހަމަ ކުރާހުށިކަމެވެ. އެހެނީ އޭނާއަށް ކާންދެއްވައި ބޯންދެއްވީ ﷲ އެވެ." (މުސްލިމު: ކިތާބުއްޞިޔާމި)

ރޯދަޔަކީ ހަމައެކަނި ކުރަކި ޤާނޫނީ މަސައްކަތެއް ނަމަ ރޯދަޔަށް ހުރެ ހަނދާންނެތިގެން ވެސް އެއްޗެއް ކައިބޮއި ހެދިއްޖެ ނަމަ ރޯދަ ގެއްލިއްޖައީހެވެ. އެހެނީ ޤާނޫނީ ކަންކަމާ ބެހޭގޮތުން އައިސްފައިވާ ބުނުމެއްގައި ވާގޮތުން ޤާނޫނުގައި އޮންނަ ގޮތް ނޭނގުމަކީ ޢުޒުރެއް ނޫނެވެ. އެހެންކަމުން ހަނދާންނެތިގެން އެއްޗެއްކައި ނުވަތަ ބޮއި ހެދުނުކަމުގައިވިޔަސް ރޯދަ ނުގެއްލޭނެ ކަމަށް އިސްލާމުދީނުގެ ނަބިއްޔާ ޙަދީޘު ކުރައްވައިފައިވުމުން އެނގެނީ ރޯދައަކީ ޓެކްނިކަލް ބާވަތުގެ ޤާނޫނީ ކަމެއް ނޫންކަމެވެ.

ރޯދަޔަކީ ބޭރުފުށުގެ އިމެއް އޮތްކަމުގައި ވިޔަސް ޙަޤީޤަތުގައި އިންސާނާ ކުރާ ރޫޙާނީ އަޅުކަމެއް ކަމެވެ. ރޫޙާނީ ބައި އަށަގެންފައިވާ އިންސާނުންގެ ގޮތަކީ އޭނާއަށް ކުށެއް ކުރެވިއްޖެނަމަ އޭނާގެ ކިބައިގައި އައު ވިސްނުމެއް ހޭލައިގަތުމެވެ. މިދެންނެވި އައުވިސްނުން އޭނާއަށް ހެދުނު ގޯސް ފައިދާހުރި އެދެވޭ ޢަމަލަކަށް ބަދަލުކޮށްލައެވެ. އޭނާއަށް ހެދުނު ގޯހުން އޭނާ ދެނެގަންނަނީ ތިމާގެ ނުފޯރާ ކަމާއި ނުކުޅެދޭ ކަމެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ޤުދުރަތްތެރިކަމެވެ. އޭނާގެ ވިސްނުމަށް އާދެއެވެ. އިންސާނާ އަކީ ކިހާ ނުކުޅެދުންތެރި މަޚްލޫޤެއެް ހެއްޔެވެ؟ އިންސާނާގެ ކިހާ އާރެއްބާރެއް ނެތް ހެއްޔެވެ. އިންސާއާ ނިސްބަތްކުރާއިރު މާތްﷲ ކިހާ މަތިވެރިވަންތަ ހެއްޔެވެ. ކިހާ ގަދަ ކީރިތިވަންތަހެއްޔެވެ.

އެއްވެސް ކަމެއް ހަނދުމަނެތިވެ ވޮޑިގަތުމަކީ އެކަލާނގެ ރަސްކަންފުޅަށް މުސްތަޙީލު ކަމެކެވެ. މިވިސްނުން އިންސާނާ ކުރިޔަށްވުރެ ވެސް ބޮޑަށް މާތްﷲ އާ ކުއްތަންކުރުވައެވެ. މާތްﷲ ގެ ރަޙުމަތް ވަންތަކަމަށް އިންސާނާ މާބޮޑަށް ޙައްޤު ކުރުވައެވެ. އިންސާނާއަށް ކުރެވުނު ކުށްބަދަލުވެގެން ދަނީ ކަލާނގެ ރަސްކަންފުޅު މަޢުރިފާވުމުގެ އިތުރު ސަބަބަކަށެވެ. އާދެ، އެއީ އޭނާއަށް ކުރެވުނު ކުށެއްނޫނެވެ. އެއީ ދިރުންހުރި ރައްބާނީ ތަޖުރިބާއެވެ.

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން ރޯދަވީއްލުން އަވަސްކޮށް ހާރުކެއުން ލަސްކުރާހައި ހިނދަކު އެބައިމީހުން ދެމިތިބޭނީ ހެޔޮގޮތުގައެވެ." (އަޙްމަދު، ޖިލްދު 5)

ޢިލްމުވެރީން ވިދާޅުވާގޮތުގައި މިޙަދީޘުގައިވާ "ހެޔޮގޮތުގެ" މުރާދަކީ ދީނުގެ ރޫޙެވެ. މި ޙަދީޘުން އެނގޭ ގޮތުގައި ރަމަޟާން މަހު ރޯދަވީއްލުން އަވަސްކޮށް ހާރުކެއުން ފަސްކުރާހާ ހިނދަކު އިސްލާމީ އުންމަތް ދެމިއެއޮތީ ހެޔޮގޮތުގައެވެ. މާނައަކީ އުންމަތުގައި ދީނުގެ ޙަޤީޤީ ރޫޙު ދެމިއެބައޮތެވެ. މިކަންމީގެ އިދިކޮޅަށް ބަދަލުވެ "ރައްކާތެރިވުމުގެ ގޮތުން" ރޯދަވީއްލުން ލަސްކޮށް "ރައްކާތެރިވުމުގެ ގޮތުން" ހާރުކެއުން އަވަސްކުރާން ފަށައިފިނަމަ އޭގެ މާނައަކީ އުންމަތުގައިވާ ހެޔޮކަމުގެ ރޫޙު ނެތިގެން ހިނގައްޖެކަމެވެ. އުންމަތުގައި ދީނޫ ރޫޙު ކުޑަވެއްޖެކަމެވެ. އުންމަތް ދެމިއޮތީ ދީނުގެ ބޭރުފުށުގެ ސިފައިގައި ހިފެހެއްޓުމުގެ މަތީގައި ކަމެވެ. މިދެންނެވި ފަދަ ޙާލަތަކީ އަރަހުށި މާތްﷲ އިސްލާމީ އުންމަތް އޮތުން އެދިވޮޑިގެންވާ ޙާލަތެއްނޫނެވެ. ރޯދަވީއްލުމާއި ހާރުކެއުން އަވަސްކުރުން ނުވަތަ ލަސްކުރުމަކީ އެކަންކަމުގެ ލަފުޒީ މާނަޔާ ކޮންމެހެން ގުޅިފައިވާ ކަންކަމެއްނޫނެވެ. އަދި ކީއްތޯއެވެ. އޭގެ މަޤްޞަދަކީ ވަގުތަށް ބަރާބަރަށް ޙުރުމަތްތެރިކޮށް ހިތުމެވެ. ބަރާބަރު އެކަމެއްގެ ވަގުތުގައި އެކަމެއް ކުރުމެވެ.

ރޯދަ ވީއްލުން ލަސްކުރުމުގެ މިޒާޖު އުފެދެނީ ކީއްވެގެންތޯއެވެ؟ ހާރުކެއުން އަވަސްކުރަން ފެށީ ކޮންއިރަކުތޯއެވެ. އެކަންކަން އެގޮތަށް ހިނގަންފެށެނީ އުންމަތުގެ މީހުންގެ ކުރިމަތީގައި ދީނީ ކަންކަމަކީ ހަމައެކަނި އެކަމެއްގެ ބޭރުފުށުގެ ސިފަކަމުގައި ބެލެވެންފެށުމުންނެވެ. އަޅުކަމުގައި ހިމެނޭ މަޢުނަވީ ރޫޙަށް ސަމާލުވުން ކުޑަވާންފެށުމުންނެވެ. ބޭރުފުށުގެ ސިފަޔަށް "އުނިކަމެއް" ނުވަތަ "މަދުކަމެއް" އައުމަކީ ދީން "އުނިވުން" ކަމުގައި ބެލެވޭތަން އައުމުންނެވެ. ބޭރުފުށުގެ އޮނިގަނޑު ބޮޑުކޮށްލުމަކީ އެފަދަމީހުންގެ ނަޒަރުގައި ދީން "ފުރިހަމަ" ކުރުމެވެ. އިސްވެދިޔަ ޙަދީޡް ފުޅުގައި އިޝާރާތް ކުރައްވައިފައިއެވަނީ އުންމަތުގައި އުފެދޭ މިދެންނެވި އޮއްސިގެން ދިޔުމުގެ މިޒާޖަށެވެ. ރޫޙާނީ ގޮތުން ދަށަށް ދިޔުމުގެ ޠަބީޢަތަށެވެ.

ޙަޤީޤީ ދީންވެރިކަމުގައި ދީނުގެ އަހުލުވެރީންގެ އަމާޒަކަށްވާނީ އަޅުކަމުގެ ރޫހެވެ. ނަމަވެސް ޙަޤީޤީ ދީންވެރިކަން ނެތިގެން ދިޔުމުން ސަމާލުކަންދެވެނީ ބޭރުފުށުގެ ސިފައެވެ. މިޙަޤީޤަތް ގުޅިފައިވަނީ ހަމައެކަނި ރޯދަޔަކާ ނޫނެވެ. އަދި ކީއްތޯއެވެ. ދީނުގެ ހުރިހާ ޢަމަލުތަކަކާއެވެ.