ރާއްޖޭގެ ވެރިކަމަށް އައުމުގެ ވިސްނުންފުޅެއް އެއް ވެސް ގޮތަކަށް ނުގެންގުޅުއްވާ ކަމަށާއި އެއީ ބޭނުންފުޅުވާ ކަމެއް ވެސް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެންޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް ޓަކައި ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުސްތަފާ ވިދާޅުވީ ވެރިކަމުގެ ޝާނާ ޝައުކަތުގައި ދިރިއުޅުން ހޭދަ ކުރެއްވުމަކީ އެމަނިކުފާން ދުވަހަކު ވެސް ބޭނުންފުޅުވާނެ ކަމެއް ނޫން ކަމަށެވެ.

"ދަންނަވަންތޯ ކޮންމެ ގޮތަކުން ވެސް ދިވެހި ރާއްޖޭގެ ވެރިކަމަށް އައުމަކީ އަޅުގަނޑުގެ ވިސްނުމެއް ނޫން. ޝާނާއި ޝައުކަތުގައި އަޅުގަނޑުގެ ދިރިއުޅުން ހޭދަކުރުމަކީ އަޅުގަނޑު ބޭނުންވާ ކަމެއް ނޫން،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އޭނާ އަށް ނަޝީދުގެ ރަނިންމޭޓުކަން ލިބުނީ އޭނާ އިންސާނީ ތަރައްގީއަށް ޓަކައި ކުރައްވަމުން އައި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ ރަނިންމޭޓް ކަމަކީ އެ އިންސާނީ ތަރައްގީއަށް ޓަކައި އިތުރަށް މަސައްކަތް ކުރުމަށް ލިބިވަޑައިގަތް ފުރުސަތެއް ކަމަށެވެ.

ނައިބް ރައީސްއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ ނައިބް ރައީސްގެ މަގާމަކީ ދައުލަތުގެ ވަރަށް މުހިމްު މަގާމެއް ކަމަށާއި އެހެން ނަމަވެސް މިއަދު ނައިބް ރައީސްގެ ނަން ބުނުމުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ސިފަ ވަނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ. އެހެން ނަމަވެސް އެ މަންޒަރު އޭނާ މެދު ނުގެންގުޅުމަށް މުސްތަފާ އެދިވަޑައިގެންނެވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް ފަހު ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މުސްތަފާ ވަނީ އޭނާގެ މެނިފެސްޓޯއެއް ވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން މުސްތަފާގެ މެނިފެސްޓޯގައި ހިމެނެނީ ތިން ވަޢުދެކެވެ. އޭނާގެ އެމްޑީޕީ އަށް ވެވަޑައިގެންނެވި ތިން ވަޢުދަކީ ނަޝީދަށާއި އެމްޑީޕީ އަށް ބޭވަފާތެރި ނުވުމަށާއި ބަޢާވާތް ނުކުރުމަށާއި އަދި އަބަދުވެސް ދެގޮތެއް ނުވެ ރައީސް ނަޝީދަށާއި އެމްޑީޕީ އަށް އިޙްލާސްތެރިވުމަށެވެ.