19 Jul 2013, 14:29
ގއ. ފުނަމައުއްޑުއާގައި ހިންގާ ރޮބިންސަން ރިސޯޓްގެ ސްޓާފް އޭރިއާގައި ހުރި ސްޓޯރެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 10:00 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވީ އަލިފާން ރޯވި ސްޓޯރުގެ ތެރެއިން އެއްޗެއް ގޮވުމުގެ ސަބަބުން އެވަގުތު އެސަރަޙައްދުގައި ތިބި ފަސް ސްޓާފަކަށް ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހުންނަށް ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓަލަށް ހެނދުނު 11:30 ހާއިރު ގެނެސް ފަރުވާ ހޯދީން ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު އަދިވެސް އެޑްމިޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހާދިސާގައި އެއްޗެއް ގޮވުމުގެ ސަބަބުން ހަށިގަނޑުގެ އެކި ތަންތަނުން ފޮޅު ނަގާފައި ހުރީ. އެހާ ސީރިއަސް އެކަކު ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް އެހެން އެއްވެސް މީހަކަށް އިތުރު ގެއްލުމެއް ނުލިބޭ ކަމަށެވެ.
ރޮބިންސަން ރިސޯޓުގެ ސްޓޯރުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެމްއެންޑީއެފް ގދ ތިނަދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުން އެ ރިސޯޓަށް ގޮސްގެން ކަމަށެވެ.
ފަޔާ އެންޑް ރެސްކިއުއާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ހިނގަން ދިމާވި ކަމަށް ލަފާކުރެވެނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށެވެ.