19 Jul 2013, 14:26
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ނިންމާފައި ހުޅުމާލެ އަށް ދިޔަ ބަޔަކު ރައީސުލްޖުމްހޫރިއްޔާގެ ޕޮލިކަލް އެޑްވައިޒަރު އަހުމަދު ތައުފީ (ޓޯޕީ)އާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އަދި "ގަޔަށް އަތްލައި" ފެރީން "ބާލުވައިފި" އެވެ.
ޓޯޕީ މިއަދު ސަން އަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ އޭނާ ރޭ މާލެ އަށް ވަޑައިގަތުމަށް ފަހު 12:30ގެ ފެރީން ހުޅުމާލެ އަށް ވަޑައިގަތުމަށް ފެރީ އަށް އަރާވަޑައިގަތް ގަޑީގައި އެ ފެރީގައި ތިބި "އެމްޑީޕީ ބަޔަކު" އޭނާއާ ދިމާލަށް ހަޑިހުތުރު ބަހުން ހަޅޭލައްވައި އޭނާ އިންނެވި ގޮނޑީގާއި އޭނާއާ ޖެހިގެން ތިބެ އޭނާ ކޮއްޕައި ގެޅުވި ކަމަށާއި އަދި ކަންފަތްބުޑުގައި ހަޑިހުތުރު ބަހުން ހަޅޭއްލައްވައި ފުރާނަ އަށް ނުރައްކާވާ ހިސާބަށް އެ މީހުންގެ އަމަލުތައް ދިއުމުން އޭނާ ފެރީން ފޭބީ ކަމަށެވެ.
އެ ގަޑީގައި ފެރީގައި ހުރި ސަންގެ ރިޕޯޓަރަކު ވެސް ބުނީ ޓޯޕީ ފެރީ އަށް އަރާވަޑައިގަތް ގަޑިއަކީ ހުޅުމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މީހުން ރޭގެ ޖަލްސާ ނިންމާފައި ހުޅުމާލެ އަށް ދިއުމަށް ފެރީ އަށް އެރި ގަޑި ކަމަށާއި ޓޯޕީގެ "ގަޔަށް އަތްލާ ހިސާބަށް" ކަންތައްތައް ދިޔަ ކަމަށެވެ.
ޓޯޕީ ބުނީ ރޭ އެމްޑީޕީ ބަޔަކު ހިންގި އަމަލު އޭނާ ސިފަކުރައް ވަނީ ޓެރެރިޒަމްގެ އަމަލެއް ކަމަށާއި އަދި އެއީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
"މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުމުގެ ހައްގަކީ ކޮބައިތޯ" ޓޯޕީ ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތަކާ ދޭތެރޭ ދިވެހި ރައްޔިތުން ވިސްނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "އެ މީހުން ގޮވި މީނާ މޫދަށް އެއްލާލާށޭ ވެސް. އެއީ ޓެރެރިޒަމެއް ނޫންތޯ؟"
ޓޯޕީގެ "ގަޔަށް ބޮލަށް" އެރި މައްސަލަ އޭނާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމަށް ވެސް ސަންގެ ރިޕޯޓަރު ބުންޏެވެ.