08 Nov 2010, 09:14
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް އޭނާ ބުނާ، އިބްރާހިމް ނާޒިމް އިއްޔެ އިން ފެށިގެން ތިން ދުވަހަށް ޖަލުގައި ހައްޔަރުކޮށްފައިވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު މިއަދު ވިދާޅުވީ، ފުލުހުން ނާޒިމް ހައްޔަރުކުރީ މައުލޫމާތެއް އޮޅުން ފިލުވުމަށް އޭނާ ހޯދަމުންދާ ކަމަށް ފުލުހުންގެ އިސް ބޭފުޅަކު މަހްލޫފު އަރިހު ވިދާޅުވުމަށް ފަހު މަހްލޫފު ބުނެގެން ނާޒިމު ފުލުސް އޮފީހަށް ދިއުމުން އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުވައިގެން ކަމަށެވެ.
"ގަފޫރާ ދިމާލަށް ތަންކޮޅެއް ވަރުގަދަކޮށް އެއްޗެހި ބުނީއޭ ކިޔައިފައި ނާޒިމު އެހެރީ ހައްޔަރުކޮށް ތިން ދުވަހަށް ޖަލަށްލައިފައި. އިހައްރޭ އޭނާ މާލެ އައި ބޯޓު ޖެއްސި އިރު ފުލުހުން ތިބި އޭނާ ހައްޔަރުކުރަން ގޮސް. ނަމަވެސް އެފަހަރު އަޑުގަދަކޮށް ހަޅޭފަޅޭއް ލަވައިގެން އެވަގުތު ވަކީލު ހުރުމުން ކޯޓު އޯޑަރެއްނެތި އޭނަ ހައްޔަރުކުރިޔަ ނުދިނީ. އެތަނުން ހައްޔަރު ނުކުރެވުމުން އިއްޔެ އޭނާ ހޯދަން އުޅުމުގައި ފުލުހުންގެ ސީނިއާ ބޭފުޅެއް އަޅުގަނޑަށް ފޯނުކޮށްފައި، ހަމައެކަނި އޭނާއާ ސުވާލު ކޮށްލުމުގެ ޔަގީންކަން ދިނީމާ އަޅުގަނޑު ބުނެގެން އޭނާ ފުލުސް އޮފީހަށް ދިޔައީ. ދިޔަތަނުން އޭނާ ހައްޔަރުކޮށް ޣަފޫރު މަރާލާނެ ކަމަށް ބުނިއްޔޭ ކިޔައިފައި ކޯޓަށް ހާޒިރުކޮށް މިހާރު އެހެރީ ތިން ދުވަހަށް ޖަލަށްލައިފައި،"
މަހްލޫފު ވިދާޅުވީ، މިހާރު މިއޮތް ސިޔާސީ މަސްރަހަށް ބަލާއިރު އެފަދަ ކަމެއްގައި މީހަކު ޖަލަށް ލުމަކީ، ވަރަށް ބޮޑު ޖޯކެއް ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން ފާޅުގައި މީހުން ދަންޖެއްސުމަށާއި، މީހުން މެރުމަށް ގޮވަމުންދާ އިރު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަޑުއެހިން ރީކޯ މޫސާ މަނިކުމެން ނާޒިމު ދަންޖައްސަން ގޮވާލި އަޑު. އަޅުގަނޑުމެން އަޑު އެހީމު ދި ޓީވީ ކައިރިއަށް ގޮސް ޑރ. އަފްރާޝީމް މަރާލަން ގޮވިއަޑު. ކާކުތޯ ހައްޔަރުކުރީ. އަޅުގަނޑު ރީކޯ މޫސަގެ ކޮރަޕްޝަން މައްސަލަ ހުށަހެޅީމާ ފުލުހުން ދިން ޖަވާބަކީ މުޅި ވީޑިއޯ ބެލި އިރު ވެސް އޭނާ ރިޝްވަތުދޭ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ސީދާ ރިޝްވަތު ދުނުމުގެ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް. އެހެންކަމުން ނާޒިމު ހައްޔަރުކޮށްފައިވާ މައްސަލަ އަޅުގަނޑުމެން ކުށްވެރިކުރަން. އަދި އަޅުގަނޑުމެންނާ ދޭތެރޭ ދެން އެފަދަ ގޮތަކަށް ވާހަކަދައްކާ މީހުން ވެސް ހައްޔަރުކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެން،" މަހްލޫފު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުދުއްފުށީގައި ޑީއާރުޕީން ބޭއްވި ޖަލްސާއެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއާ ބެހޭ ގޮތުން ނާޒިމު ހުތުރު ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވެ ނާޒިމާ ދެކޮޅަށް ޣަފޫރު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލައާ ގުޅިގެން، ހޮނިހިރު ދުވަހުގެރޭ ނާޒިމު މާލެ އައުމުން އެއާޕޯޓުން ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނު ކަމަށް އެރޭ ނާޒިމު ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ނާޒިމު ބުނީ އޭނާގެ މައްޗަށް ޣަފޫރު ދައުވާ ކުރައްވައިފި ނަމަ އޭނާ ދެއްކި ވާހަކަ ސާބިތުކޮށްދޭނެ ކަމަށެވެ.
ނާޒިމު ޖަލަށް ލާފައިވާ ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނާޒިމު ހައްޔަރުކޮށްފައި މި ވަނީ ރައްޔިތުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ނުވަތަ ބުނާ އެއްޗެއްގެ ސަބަބުން ހައްޔަރުކޮށް، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ފިކުރު ނެރުމަށް ބިރުގަންނަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މުޅި ޤައުމުގެ ތަރައްޤީ ގެއްލިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.