19 Jul 2013, 13:24
ޕެރިސް (ޖުލައި 19) : ޔޫރަޕްގައި މަތިންދާބޯޓު އުފައްދާ އެންމެ ބޮޑުކުންފުނި ކަމަށްވާ އެއަރބަސް ކުންފުނިން އުފައްދާ ފަސިންޖަރު މަތިންދާބޯޓުތައްގަތުމަށް މިހާރު ލިބިފައިވާ އޯޑަރުތައް ފަސް ހާހަށް ވުރެ މައްޗަށް ގޮސްފައިވާކަން އެކުންފުނިން ހާމަކޮށްފި އެވެ.
އެއަބަސްކުންފުނިން ބުނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުންފުންޏަށް ދުނިޔޭގެ އެކިގައުމުތަކުގެ އެއަރލައިންތަކުން ލިބިފައިވާ މަތިންދާބޯޓު ގަތުމުގެ އޯޑަރު 5109 މަތިންދާބޯޓަށް އަރާކަމަށާއި މިއަދަދަށް މަތިންދާބޯޓު އުފެއްދުމަށް އެކުންފުނިން ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގަ އެވެ. އެއަބަސް ކުންފުންޏަކީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ޖަރުމަނު އެންމެ ބޮޑަށް ހިއްސާވެގެން އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ އެންމެ ގިނަ ކާރުޚާނާތަކާއި ވޯކްޝޮޕްތަކާއި މަރުކަޒުތައް ހުންނަނީ ފަރަންސޭސިވިލާތުގަ އެވެ. މިއީ އެއަބަސް ކުންފުނީގެ ތާރީޚުގައި ވެސް މިހާގިނަ އަދަދަކަށް މަތިންދާބޯޓު ގަތުމުގެ އޯޑަރު ލިބުނު ފުރަތަމަ ފަހަރުކަމަށާ މިއީ މުޅިދުނިޔެއަށްބަލާއިރު ވެސް ރެކޯޑް މިންވަރެއްކަމަށް އެކުންފުނިން ބުނެ އެވެ.
ދުނިޔޭގައި އެންމެ ރަނގަނޅު ފެންވަރުގެ ފަސިންޖަރު މަތިންދާބޯޓުތައް އުފައްދާ ދެކުންފުނީގެ ތެރެއިން އެއް ކުންފުންޏަކީ ވެސް ޔޫރަޕްގެ އެއަރބަސް ކުންފުންޏެވެ. އަނެއްކުންފުންޏަކީ އެމެރިކާގެ ބޮއިންގް ކުންފުންޏެވެ. ބޮއިންގް ކުންފުނީގެ ބޯޓުތައް ގަތުމަށް ލިބޭ އޯޑަރަށްވުރެ އެއަބަސް ކުންފުނީގެ މަތިންދާބޯޓުތަކަށް ލިބޭ އޯޑަރު އިތުރުކަމަށް ރިޕޯޓްތައްބުނެ އެވެ.
އަނެއްކޮޅުން ޗައިނާއާއި ބްރަޒިލް ފަދަ ގައުމުތަކުން ވެސް ގެންދަނީ މަދަނީ މަތިންދާބޯޓު އުފެއްދުމުގެ ސިނާޢަތު ވަރަށް ބޮޑަށް ތަރައްޤީ ކުރަމުންނެވެ. އެއަބަސް އާއި ބޮއިންގް އިން އުފައްދާ ކޮމާޝަލް ފެންވަރުގެ ފަސިންޖަރު މަތިންދާބޯޓުތައް އަންނައަހަރު ޗައިނާ އިން ބާޒާރަށް ނެރޭނެކަމަށްވެ އެވެ. ޗައިނާއިން މިފެންވަރުގެ ބޯޓުތައް އުފެއްދުމުގެ ބިޔަ މަޝްރޫޢެއް ފަށާފައިވަނީ 2004 ގަ އެވެ. ޗައިނާ ދާދިފަހުން ވަނީ އެމެރިކާއާއި ރަޝިޔާ އިން މިހާތަނަށް އުފައްދާފައިވާ ފެންވަރަށްވުރެ ވެސް ރަނގަނޅު އަދި ސައިޒްގެ ގޮތުންބޮޑު ކާގޯ މަތިންދާބޯޓް ތަކެއް އުފައްދައި ޚިދްމަތަށް ނެރެފަ އެވެ. ރަޝިޔާއަކީ މަތިންދާބޯޓުގެ ސިނާއަތުގައި އެމެރިކާ އާއި ޔޫރަޕާ ދާދި އެއްފެންވަރެއްގައި އުޅޭގައުމެއް ނަމަވެސް މިސިނާއަތުގައި ކޮމާޝަލްފެންވަރުގައި ވާދަކުރުމުގައި ރަޝިޔާ އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ.
ޔޫރަޕްގެ އެއަބަސް ކުންފުންޏާއި އެމެރިކާގެ ބޮއިންގް ކުންފުންޏަކީ ދުނިޔޭގައި މިހާރު އެންމެ މަތީ ފެންވަރުގެ ފަސިންޖަރު މަތިންދާބޯޓުތައް އުފައްދާ ދެކުންފުނި ކަމަށް ވިޔަސް ޗައިނާއާއި ރަޝިޔާގެ ކުންފުނިތަކުން ކޮމާޝަލް ފެންވަރުގައި މަތިންދާބޯޓުގެ ސިނާޢަތު މިހާރު ތަރައްޤީކުރަމުން ގެންދާތީ ކުރިޔަށް އޮތް 10 ވަރަކަށް އަހަރުތެރޭގައި މިދެކުންފުންޏަށް ދުނިޔޭގެ ބާޒާރުގައި މިހާރުއޮތް ހިއްސާ ކުޑަވެގެންދާނެ ކަމަށްވަނީ ބެލެވިފަ އެވެ. އަދި މަތިންދާބޯޓުގެ އެންމެ މަތީފެންވަރުގެ ސިނާއަތަށް ޔޫރަޕާއި އެމެރިކާއާއި ރަޝިޔާގެ އިތުރުން ބްރަޒީލްވެސް ވަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)