19 Jul 2013, 11:08
އިސްލާމް އާބާދު (ޖުލައި 18): ޕާކިސްތާނަށް މިހާރު ވަޑައިގެން އުޅުއްވާ އިނގިރޭސިޚާރިޖީ ވަޒީރު ވިލިއަމް ހޭގް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ ޚާއްސަ މުޝީރު ސަރްތާޖް އަޒީޒްއާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ހޭގް ވިދާޅުވީ މިއީ އަންނަ އަހަރު ހުޅަނގުގެ ބާރުތައް އަފްޣާނިސްތާނުން ފޭބުމަށް ހަމަޖެހިފައިވާ އިރު އެގައުމަށް ސުލްޙް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ޕާކިސްތާނުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގަ އެވެ. ހުޅަނގުގެ ބާރުތައް އަފްޣާނިސްތާނުން ފައިބާއިރަށް، އަފްޣާނިސްތާނުގައި ހުޅަނގުން އުފައްދާފައިވާ ޙާމިދު ކަރުޒާއިގެ ސަރުކާރު، ތާލިބާނުންގެ ޙަމަލާތަކުގައި ވެއްޓިދާނެކަމުގެ ބިރު ހުޅަނގުން އިޙްސާސް ކުރެ އެވެ.
މިކަމަށް ޓަކައި ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމަށް އެމެރިކާ އިސްވެއޮވެގެން ރޭވުންތަކެއް ރޭވި ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެގެން ގޮސްފަ އެވެ. މީގެއިތުރުން އަފްޣާނިސްތާނުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތައް 12 އަހަރުވަންދެން ތާލިބާނުން ބަލިކުރުމަށް ކުރި ވަރުގަދަ ހަނގުރާމައާއި ކުރި ބޮޑު ހޭދައިން ޚުދު އެމެރިކާގެ އިޤްތިސާދަށް ލޮޅުން އަރައި އެމެރިކާގެ އިޤްތިސާދަށް ހީނަރުކަން އައިސްފައިވާއިރު އެމެރިކާ ވަނީ ތާލިބާނުން ބަލިކުރުމުގައި މުޅިން ނާކާމިޔާބުވެފަ އެވެ.
ހޭގް ވިދާޅުވީ ޠާލިބާނުންނާ ސުލްޙައިގެ މަޝްވަރާތައް ބާއްވަން ޖެހޭ ކަމަށާ މިކަން ކާމިޔާބު ވެއްޖެނަމަ ޕާކިސްތާނަށް ވެސް ފައިދާތަކެއް ކުރާނެކަމުގަ އެވެ. ޕާކިސްތާނަކީ އެގައުމުގެ ތާލިބާން ޖަމާއަތުގެ ހަރުކަށި އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ގައުމެކެވެ. އަފްޣާނިސްތާނުގައި ހުޅަނގަށް މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ އެގައުމުގައި ތާއަބަދު ހަނގުރާމަކުރަން ތިބެވެންނެތުމާއި ތަޅާފޮޅުމަށް ޚަރަދު ވެސް ކުރެވެންނެތުމުގެ އިތުރުން ތާލިބާނުން ސުލްޙައިގެ މޭޒުދޮށަށް ވެސް ގެންދެވެން ނެތުންކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)