ޒުވާނުންނަކީ އެމީހުންނަށް ކުރެވޭ ކުޑަ ކުށެއްގެ ސަބަބުން މުޅިހަޔާތް ނަގާލަން ޖެހޭ ބައެއް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެކިވަޑައިނުގަންވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނެރުއްވާ މެނިފެސްޓޯގައި ވެސް ޒުވާންނަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް އަހްމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމް އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތާއިދު ހޯއްދެވުމަށް އެމަނިކުފާނުގެ އަނިބިކަނބަލުން އިލްހާމް ހުސައިން އާއި ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގައި ބޭއްވި ހާއްސަ ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ "ޑރ. ވަހީދުގެ މެނިފެސްޓޯގައި ހަގީގަތުގައި ޒުވާނުންނަށް ވަރަށް ހާއްސަ ސަމާލުކަމެއް އެބަދެއްވާ" ކަމަށެވެ. "އަދި ޒުވާނުންނަކީ ޒުވާނުން އެ ދައުރުގައި ކުރެވޭ ކޮންމެ ވެސް ކުޑަ ކުށެއްގެ ސަބަބުން އެމީހުންގެ މުޅި ހަޔާތް ނަގާލަން ޖެހޭ ފަދަ ބަޔަކަށް ވާން ޖެހޭ ކަމަކަށް ހަމަ ގައިމު ވެސް ޑރ. ވަހީދު ދެކިވަޑައިއެއް ނުގަންނަވާ" ކަމަށެވެ.

ވިސާމް ވިދާޅުވީ ރައީސް ވަހީދުގެ މެނިފެސްޓޯ ތައްޔާރު ކުރައްވާފައި ވަނީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ގޮތްތަކެއް ވިސްނުމުގައި ބަހައްޓަވައިގެން ކަމަށެވެ.

ވިސާމު ވިދާޅުވީ އަންހެނުން ކެމްޕެއިންތަކުގައި މިހާރަށް ވުރެ ވެސް އިސްކޮށް ހަރަކާތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންނާއި ތަސްމީން އަނބިކަނބަލުން ވިސާމް އައްޑޫ ސިޓީއަށް އިއްޔެ ވަޑައިގެން ހުޅުމިދޫގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވާ އަދި ރަށުގެ ބައެއް އަންހެނުނާއި ވަނީ ބައްދަލުކުރައްވާފަ އެވެ.