ޒުވާނުން މުޖުތަމައުއަށް އަހުލުވެރިކޮށް ކުށްކުށަށް އަރައިގަތުން ހުއްޓުވުމަށް ބާރު އެޅުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްް އިން ޒުވާނުންނަށް ހާއްސަ ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ފެށުމަށް ހަމަޖައްސައިފި އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގޭންގް ވައިލެންސް ޓާކްސް ފޯސްގެ ފަރާތުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކްރައިމް ޕްރިވެންޝަން ޔުނިޓާއި އެންޑީ އާ ގުޅިގެން ރޯދަ މަސް ނިމުވުން ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު އެންޕަވާމަންޓް ޕްރޮގްރާމެއް" ޔޫތް ލައިފް ސްކިލް"ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަތޮޅު ތެެރެއާއި މާލޭގައި ޒުވާނުން ބާރުވެރިކޮށް ފަންނެއް ދަސްކޮށްގެން ޕްރޮެޝަނަލްކޮށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި އެންޖީއޯސްތައް ގުޅިގެން ގިނަ މަސައްކަތްތައް ހިންގުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން އެމީހުންނަށް އެކިއެކި ފަންނުތައް ދަސްކޮށްދިނުމާއި މަސައްކަތްތައް ދަސްކޮށްދިނުމާއި ކުޅިވަރުގެ އެކި އެކި ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށާއި އަދި ޒުވާނުން ކުށުގެ ވެށިން ދުރަށް ދިއުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކައުންސިލިން ދިނުމާއި އެކިއެކި މުބާރާތްތައް ރޭވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޒުވާނުން މަސައްކަތްކުރާ އަދި އުޅެންޖެހޭ ވެށީގައި ބިނާކުރުވަނިވި ޒުވާނުންނަށް މަގެއް އަދި ކާމިޔާބު ހޯދޭނެ މަގުތަކެއް އުނގަންނައިދިނުމަށް ވެސް މަސައްކަތްތަކެއް ވަނީ ފެށިފައި،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިން ހޯދާނީ އެފަންނު ދަސްކުރަން ބޭނުންވާ ކުދިން ބެލުމަށް ފަހު ކަމަށާއި އެ ކުދިންނަށް އެ ޕްރޮގްރާމްގައި ބައިވެރިވުމަކަށް އެއްވެސް މަޖުބޫރު ކަމެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ބޭއްވި އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މާލެ ސިޓީ ފުލުހުން ވަކިން ހާއްސަކޮށް މި ރޯދަ މަހު ކުރަމުން ގެންދާ މަަސައްކަތްތަކުގެ ދަށުން ވެސް ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ގެންދާ ކަމަށެވެ. އެގޮތުން ބާރު ސްޕީޑުގައި ދުއްވައި ސައިކަލް އަދި ކާރު އެއްޗެހި ނުވަތަ އެފަދަ ކަންކަން ރާވާ ހިންގާ ފަރާތްތަކާ ސުވާލުކޮށް އެކަންކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފުލުހުން ބުނީ ވޭތުވެ ދިޔަ ތިން ހަފްތާގެ ތެރޭގައި ކުށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ނިޔަކަށް 63 މާރާމާރީއެއްގެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ވައްކަމުގެ 206 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެއިތުރުން އެއްޗެހި ގެއްލިގެން 107 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

ފުލުހުންގެ އިދާރާ އިން މީގެކުރިން ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހު ޒުވާނުންނަށް އަމާޒުކޮށްގެން މެރިން ޑްރައިވިން ކޯސްގެ ވަނީ ބާއްވައިފަ އެވެ. އަދި "ޕީސް ކަފް ޕޮލިސް ޔޫތް ޗެލެންޖް ކަޕް"ގެ ނަމުގައި ޒުވާނުންނާ ފުލުހުން ގުޅިގެން ވަނީ މުބާރާތެއް ބާއްވައިފަ އެވެ. އެ ޕްރޮގްރާމްގައި 323 ޒުވާނުން ބައިވެރިވެފައިވާއިރު 19 ޓީމަކުން ވާދަކުރި އެވެ. އެ ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.