19 Jul 2013, 10:31
މިދިޔަ އަހަރުގެ ޖުލައިން މަހުން ފެށިގެން މި މަހުގެ ނިޔަލަށް 31 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގަނެ، އެތަކެތީގެ މަގުމަތީ އަގު 25 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅިގެން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މަސްތުވާތަކެއްޗާއި އެ ނޫން ވެސް ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ރާއްޖެ އަށް އެތެރެ ކުރުން ހުއްޓުވުމަށް ޓަކައި 83 އޮޕަރޭޝަނެއް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ހިންގާފައިވާ ކަމަށެވެ. ފާއިތުވެ ދިޔަ އަހަރު ކަސްޓަމްސްގެ އިންވެސްޓިގޭޝަން ސެކްޝަނަށް ތަފާތު 288 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ގާނޫނާ ހިލާފަށް އެތެރެކުރި 55 މައްސަލަ އާއި އޮޅުވާލައިގެން ސައްހަނޫން އަގު ހުށަހެޅި 174 މައްސަލަ ހިމެނޭ ކަމަށް ކަސްޓަމްސުން ބުންޏެވެ.
ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފުވެގެން ހިފުނު މައްސަލަތަކުގައި އެކި އެކިފަރާތްތައް 10 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ނެރުނު ރިޕޯޓުގައިވެ އެވެ.
ކަސްޓަމްސުން ބުނީ ރާއްޖެ އަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލުގެ ލިޔެކިޔުން މިހާރަށްވުރެ އަވަހަށް ޕްރޮސެސްކުރެވޭނެ "އެކްޕްރެސް" ޗެނަލެއް މިއަހަރުގެ އެޕްރީލް މަހު އިފްތިތާހްކޮށް ކުރިން ޑިކްލަރޭޝަން ނިންމުމަށް އާންމުކޮށް ހޭދަވާ 12 ގަޑިއިރު، ތިން ގަޑި އިރަށް ދަށްކޮށްފައިވާ ކަމަށެވެ.