ރާއްޖޭގައި އުފެދިފައިވާ ގިނަ ސިޔާސީ ޕާޓީތަކަކީ އޮއިވާލި އެއްޗެތިތަކެއް ކަމަށާއި ބައެއް ސިޔާސީ ޕާޓީތަކަށް އަދި ލައްގާނެ ތަނެއް ކަށަވަރު ނުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
~
އެމްޑީޕީގެ ކެންޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް މިރޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ހެދުމުގެ ސިޔާސަތަކީ ރާއްޖޭގައި ފެއިލްވެފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ދިވެހިންގެ ތަނެއް ކަމަށާއި ކޯލިޝަން ހަދައިގެން އެކި ސިޔާސީ ޕާޓީތަކަށް ރާއްޖެ ބަހައި ނުކެވޭނެ ކަމަށެވެ.

"ގިނަ ޕާޓީތަކަކީ އަޅުގަނޑުމެންނަށް އެބަފެނޭ އޮއިވާލި އެއްޗެތިކަން. އަދި ލާއްގާނެ ތަނެއް މުޅިއަކުން ކަށަވަރެއް ނުވޭ. އަޅުގަނޑު އިއްޔެ ދެންނެވިން އޮލަނބުވަނީ އޭ. އެހެންނަމަވެސް އަދި މީ. ޖޫން، ޖުލައި. އަދި އިރުވައެއް ނާދެ. އޮއިވާލި އަދި ލައްގާނެ ތަނެއް ނޭނގޭ، އެއްތަނުން އަނެއްތަނަށް ބެހެމުން މިދަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތާއިދު ކުރަނީ އެއް ފިކުރަކަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެއް ފިކުރަކަށް އެއް ޕާޓީއަކަށް ނޫނީއްޔާ ވޯޓް ނުދޭނެ ކަން ރާއްޖޭގެ ހުރިހައި ޕާޓީއަކަށް ވެސް މިހާރު ސާފުވެފައިވާ ކަމަށެވެ. އަދި އެކަން އެމްޑީޕީއަށް މާ ބޮޑަށް ސާފުވެފައިވާ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

"ކޯލިޝަނަކީ ޓީޓީ ބޯޅައެކޭ އަލީ ވަހީދު ވިދާޅުވި. ހެނދުނު ޖަހާނީ ޔާމީނޭ، މެންދުރު ހަސަން ސައީދު އޭ، ހަވީރު އަތަށް އަޅާލީމާ ތަސްމީނޭ، ދެން ރޭގަނޑު އިލްހާމޭ. އަޅުގަނޑުމެންނަށް މިބޯޅަ ސިފަވަމުން އައި. އަޅުގަނޑުމެންނަށް މާ ބޮޑަށް ޔަގީންވެ، އެނގިފައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްގީ ލިބެން އަންނަނީ އެއް އުސޫލުން، އެއް ފިކުރުން ކަން. ރާއްޖޭގެ ރައްޔިތުން އެއް ޕާޓީއަކަށް ނޫން ގޮތަކަށް ވޯޓް ނުދޭނެ ކަން ހުރިހައި ސިޔާސީ ޕާޓީއަކަށް ވެސް މިހާރު ވަނީ ސާފުވެފައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފެބްރުއަރީ 7ގައި ރާއްޖޭގެ ވެރިކަން ބަދަލުވުމަށް ފަހު ރައްޔިތުން އެއް އަޑަކުން އެދެމުން ދިޔައީ އެންމެ ކަމަކަށް ކަމަށާއި އެއީ ރައްޔިތުންގެ ވެރި ކަމެއް އަލުން ގާއިމް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހައި ރައްޔިތުން ވެސް ބޭނުން ވަނީ ތަރައްގީ ކަމަށާއި އެ ތަރައްގީ ގެނެސް ދެވޭނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށް އެމަނިކުފާނު ތަކުރާރު ކުރައްވާ ޖުމްލަ ތަކުރާރު ކުރެއްވި އެވެ.

ރައީސް ނަޝީދު އެމަނިކުފާންގެ ރިޔާސީ ކެންޑިޑޭސީ އާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު ވެސް އެއްބުރުން ކާމިޔާބު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ހެދުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވަސް އެއިން އެއްވެސް ކަމެއް ކާމިޔާބު ވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

""އެންމެ ފުރަތަމަ ހިތް ނިޔަތް ގަނެގެން އެބޭފުޅުން އުޅުނީ އަޅުގަނޑުމެން މަރާލަން. އެކަމެއް ނުވި. ދެން ވިދާޅުވީ ދިގު މުއްދަތަކަށް ޖަލަށް ލާނަމޭ. ދެން އެކަމެއް ވެސް މުޅިއަކުންވާ ގޮތެއް ނުވި. ދެން ވިދާޅުވީ ކުރިމައްޗެއް ނުލެވޭނޭ. އެކަން ވެސް ނުވިކަން އަނެއްކާ ވެސް ކަށަވަރުވެއްޖެ. އަޅުގަނޑު ދަންނަވާނީ ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ ހަމަ ބަރަހަނާއޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގާއިމް ކުރެވިފައި މިވަނީ ރިޔާސީ ނިޒާމެއް ކަމަށާއި ރިޔާސީ ނިޒާމެއްގައި ކެބިނެޓަކީ ރައީސުލްޖުމްހޫރީއްޔާގެ ތަނެއް ކަމަށެވެ. އެހެން ކަމުން ކެބިނެޓް ބައިބަޔަށް ބަހައި ނުލެވޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ރައްޔިތުން ވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ އެއް ފިކުރަކަށް ތާއިދު ކޮށްގެން ކަމަށާއި އެކަން ކުރެވޭނީ އެމްޑީޕީއަށް މިއަދު ރިޔާސީ ކެންޑިޑޭސީ ކަށަވަރުވި ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ގިނަ ޕާޓީތަކަކީ އޮއިވާލިތަކެއް، ކަމަށާއި އެ ޕާޓީތަކަށް އަދި ލައްގާނެ ތަނެއް ކަށަވަރު ނުވާ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވެފައި ވަނީ ގައުމީ ޕާޓީން ރައީސް ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވެ، ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމަށް މިއަދު ނިންމާފައި ވަނިކޮށެވެ. އަދި އަދާލަތު ޕާޓީން ވެސް ވަނީ ގައުމައިގެން ކުރިއަށް ކޯލިޝަނުން ވަކިވެ، ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދާފަ އެވެ.