އެސްޓީއޯ އިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކުރި ކަންތައްތަކާ އިމެދު ސުވާލު އުފައްދަފާނެތީވެ، އެ ކުންފުނީގެ ހާއްސަ ގޮތަކުން ކުރާ އާއްމު ޖަލްސާއެއް ބާއްވައިގެން އެ ނިންމުންތައް މިރޭ އަލުން ފާސްކޮށްފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިރޭ ބޭއްވި ހާއްސަ ގޮތަކުން އެސްޓިއޯއިން ބޭއްވި ޖަލްސާގައި ވަނީ އަހަރީ އާއްމު ޖަލްސާގައި ފާސްކުރި ކަންތައްތަކާމެދު ވަކިވަކިން ވޯޓަށް އަހާފަ އެވެ. އަދި އެ ޖަލްސާގައި ބައިވެރިވި ފަރާތްތައް ވޯޓުދީގެން ހުރިހާ ނިންމުންތަކެއް ވެސް ވަނީ ކުރިން ވެސް ނިމުނުގޮތަށް ފާސް އެއްވެސް މައްސަލައެއް ދިމާނުވެ ފާސްވެފަ އެވެ.

އެސްޓީއޯގެ އަހަރީ ގޮތުން ކުރާ އާންމު ޖަލްސާއެއްގައި ވެސް އަދި ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއްގައި ވެސް 10 ޕަސެންޓް އޮންނަ ހިއްސާދާރަކު ބޭނުންވެއްޖިއްޔާ އެ މީހެއްގެ އަތުގައި ހުންނަ ހިއްސާގެ ނިސްބަތުން ވޯޓުލެވޭނެ އެވެ. އެހެން ނަމަވެސް ރޭގެ ޖަލްސާގައި އާންމު މެންބަރުނެކޭ އެއްގޮތަށް ސަރުކާރުން ވެސް ދީފައި ވަނީ އެއްވޯޓެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ރޭގެ ޖަލްސާގައި އެސްޓީއޯގެ ފަރާތުން އާންމު މެންބަރުންނެކޭ އެއްގޮތަށް އެއްވޯޓު ދިނުމަށް ނިންމީ މައިނޯރިޓީ ހިއްސާދާރުންގެ ހައްގުތަށް ހިމާޔަތް ކުރުމަށްޓަކައި ކަމަށެވެ.

"ދިހަ ޕަސެންޓް ހިއްސާދާރު ބޭނުން ވެއްޖިއްޔާ މި އޮންނަނީ ޕޯލް އުސޫލުން، އެމީހެއްގެ އަތުގައި ހުރި ހިއްސާގެ ނިސްބަތުން ވޯޓުލެވޭ ގޮތަށް. އެކަމަކު މިފަހަރު އެހެނެއް ނޫން މި ދިޔައީ. އާންމުކޮށް އެހެން ބޭނުންކުރީމައި މައިނޯރިޓީ ހިއްސާދާރުންގެ ހައްގަށް ކޮންމެ ވެސް ވަރެއްގެ އުނި ކަމެއް އަތުވެދާނޭ ކަމަށް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. އެހެންވީމާ ސަރުކާރުން ވެސް އެ ބާރެއް ބޭނުމެއް ނުކުރަށްވާ. ސަރުކާރުން ވެސް ދެއްވީ ހަމަ އެއް ވޯޓު. ހަމަ އެހެން އާންމު މެންބަރުން ވޯޓު ދެއްވައިގެން ހުރިހާ ކަމެއްވެސް ފާސްވެގެން މިދިޔައީ،" ޝަރީފް ވިދާޅުވި އެވެ.

އެސްޓީއޯގެ އަސާސީ ގަވައިދުގައި އޮންނަނީ އެކަކަށް އެންމެ ގިނަވެގެން ގެނެވޭނީ 100 ޕްރޮކްސީ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާއަށް ބައެއް ހިއްސާދާރުން 300 ޕްރޮކްސީ ގެނެސްފައި ހުރުމުން އެ ޖަލްސާގައި ފާސްކުރެވުނު ކަންތައްތަކާ ދޭތެރޭގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެތީ އެ މައްސަލަ ހައްލުކުރަން އެސްޓީއޯގެ ލޯޔަރު ލަފާދިނީ އަލުން އީޖީއެމް އެއް ބާއްވައިގެން ހުރިހާ ކަމެއް ފާސްކުރުމަށް ކަމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވި އެވެ.

އެސްޓީއޯއިން ރޭ ބޭއްވި ހާއްސަ ގޮތަކުން ކުރާ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑުގެ އެންމެ މެންބަރެއް ފިޔަވައި ހުރިހާ މެންބަރުން ބައިވެރިވެފައިވާއިރު ޕްރޮކްސީއާއެކު އެ ޖަލްސާގައި މުޅި ޖުމުލަ 52 މެންބަރުން ވަނީ ބައިވެރިވެފަ އެވެ.