19 Jul 2013, 01:06
އިންޑިއާގެ ބިހާރު ސްޓޭޓްގެ ޕްރައިމަރީ ސްކޫލެއްގައި މެންދުރު ކެއުމަށް ކުދިންނަށް ދިން ކާނާގައި ވިހަ މާއްދާއެއް އެކުލެވިފައި ވުމުގެ ސަބުން ކާނާ ވިހަވެގެން 23 ކުއްޖަކު މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބިހާރު ސްޓޭޓްގެ ސަރަން ޑިސްޓްރިކްޓްގެ ދަރްމަސަތީ ގަންދަމަން އަވަށުގައި ހުންނަ ސަރުކާރު ސްކޫލެއްގަ އެވެ. އެ ސްކޫލްގައި އެ ދުހުގެ މެންދުރުގެ ކެއުމަށް ކުދިންނަށް ކާންދިން ސޯޔާބީންސް އަޅައިގެން ކައްކާފައިވާ ބަތް ކެއި 47 ހަތް ކުއްޖަކު ވަގުތުން ހާލުދެރަވި ކަމަށްވެ އެވެ. އަދި އޭގެ ތެރެއިން 19 ކުއްޖަކު އަންގާރަ ދުވަހު މަރުވެފައިވާ އިރު އަނެއް ހަތަރު ކުދިން މަރުވެފައި ވަނީ ބުދަ ދުވަހު އެވެ.
އެ އަވަށުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ކާނާ ވިހަވެފައި ވަނީ ކެއްކުމުގައި ބޭނުންކޮށްފައިވާ ތަކެތީގައި "ޕެސްޓިސައިޑްސް" އެކުލެވިފައިވާތީ ކަމަށެވެ. އަދި އެ ކާނާ ބޭނުންކުރި އިތުރު ކުދިންވެސް މަރުވުމުގެ ބިރު އެބައޮތް ކަަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
މަރުވިކުދިންގެ އާއިލާތަކުން ހިތާމަ އާއި ރުޅިވެރިކަމާ އެކު އެތަނުގައި މުޒާހަރާކޮށްފައިވާ އިރު މިއަދު އެ ހުރިހާ ކުދިންގެ ޖަނާޒާގެ ކަންތައް ވަނީ ނިންމާފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިން ސްކޫލްގެ ގޯތިތެރޭގައި ވަޅުލާފައިވާއިރު އަނެއްބައިކުދިން ވަޅުލާފައި ވަނީ ސްކޫލްގެ ވަށައިގެން ހިމެނޭ ސަރަހައްދުގަ އެވެ.
ބިހާރަކީ އިންޑިއާގައި ފަގީރުން އެންމެ ގިނަ އަދި އާބާދީ ބޮޑު އެއް ސްޓޭޓް ކަމަށްވާއިރު އެތަނުގައި ސަރުކާރުން ހިންގާ ގިނަ ސްކޫލްތަކުގައި ކުދިންނަށް މެންދުރު ކާނާއަކީ "މިޑްޑޭ މީލް ސްކީމް"ގެ ދަށުން ސަރުކާރުން ހިލޭ ފޯރުކޮށްދޭ އެއްޗެކެވެ.
ބިހާރު ސްޓޭޓްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، ދަރްމަސަތީ ގަންދަމަން އަވަށުގައި ހިނގި އެ ހާދިސާއަށްފަހު އެ ހިސާބުގަނޑުގައި ސަރުކާރުން ހިންގާ އެހެނިހެން ސްކޫލްތަކުގެ ކުދިން ހިލޭ ލިބޭ ކެއުން ބޭނުން ކުރުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި އެހެން ނަމަވެސް އެ ސްކީމް ފޯރުކޮށްދޭ ފަރާތުން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ބިހާރު ސްޓޭޓްގެ އެޑިޔުކޭޝަން މިނިސްޓަރު ޕީކޭ ޝާހް ވިދާޅުވީ، އެ ސްކޫލުގެ ކައްކާއާއި ސުވާލުކުރުމުން އެތަނަށް ކެއްކުމަށްޓަކައި ގެނައި އާވައްތަރެއްގެ ކުކިން އޮއިލްއެއް ކުލަ ފަނޑުވެފައި ހުރީމައި، އެވާހަކަ ސްކޫލްގެ ހެޑްމިސްޓްރެސް ކައިރީ ބުނުމުން އެ ތެޔޮ ކައްކަން ބޭނުންކުރި ނަމަވެސް ރަނގަޅުވާނޭ ކަމަށް ހެޑްމިސްޓްރެސް އެންގެވި ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ފަހުން އެނގިފައިވާ ގޮތުގައި އެ ތެޔޮ ގަނެފައި ވަނީ ހެޑްމިސްޓްރެސްގެ ފިރިމީހާ ހިންގާ ގްރޯސަރީއަކުން ކަމަށެވެ.
އެ ހާދިސާއަށް ފަހު ސްކޫލްގެ ހެޑްމިސްޓްރެސްއާއި އޭނާގެ އާއިލާ އެ އަވަށުން ފުރައިގެން ގޮސްފައިވާ އިރު، މަރުވި ކުދިންގެ އާއިލާތަކުން ވަނީ، އެމީހުންގެ ދަރިން މަރުވެފައި ވަނީ ސަރުކާރުގެ ފަރުވާކުޑަކަމުންކަމަށް ބުނެފަ އެވެ. އަދި މަރުވި ކޮންމެ ކުއްޖެއްގެ މަރުގެ ބަދަލުގެ ގޮތުގައި 200000 ރުޕީސް (3370 ޑޮލަރު) ހޯދުމަށް ވެސް އާއިލާތަކުން އެދިފައިވާ ކަމަށްވެ އެވެ.
ބަނޑުހައި ހޫނުކަމުގެ ސަބަބުން ސްކޫލަށްދާ ކުދިންގެ އަދަދު މަދުވާތީ އެކަން ހައްލުކުރުމަށްޓަކައި އިންޑިޔާގެ 1.2 މިލިޔަން ސްކޫލެއްގެ 120 މިލިޔަން ކުދިންނަށް ސަރުކާރުގެ ފަރާތުން ހިލޭ، މެންދުރުގެ ކެއުން ފޯރުކޮށްދޭކަމަށްވެ އެވެ.
އިންޑިޔާގައި ފަގީރު ކުދިންނާއި އަޅާލާނޭ ފަރާތެއް ނެތް ކުދިންނަށް ސްކޫލް ތަކުގައި މިޑްޑޭ މީލް އެންމެ ފުރަތަމަ ތައާރަފް ކުރެވުނީ، 1925 ވަނަ އަހަރު ޗެންނާއީގެ ދެކުނު ސިޓީތަކުގަ އެވެ.