ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމެންދެން އެ އިންތިހާބެއް އޮންނަ ސަރަހައްދެއްގެ އެންމެ އިސް މީހަކަށް ހުންނާނީ އެ ދާއިރާއަކަށް ނިސްބަތްވާ ރަށެއްގެ ރަށު އޮފީހުގެ ޒިންމާދާރު ވެރިޔާ ކަމަށް ސީއެސްސީ ން އިއުލާނުކޮށްފައި އޮއްވައި އިސްކޮށް ހުންނަވާނީ ކައުންސިލަރުން ކަމަށް ހޯމް މިނިސްޓްރީން ނިންމުމުން އެކަމަކުގައި އިލެކްޝަނުން ބުރަވަނީ ސީއެސްސީގެ ނިންމުމަށް ކަމަށް ކޮމިޝަނުން ބުނެފި އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އެ މައްސަލައިގައި ސީއެސްސީން ގޮތެއް ނިންމާފައި ވަނިކޮށް ހޯމް މިނިސްޓްރީން ތަފާތު ނިންމެވުމެއް ނިންމާފައި ވާތީ އެކަމާ ބެހޭ ގޮތުން ކޮމިޝަނުން ނިންމާ ނިންމުމާ ބެހޭ ނޫސް ބަޔާނެއް މިއަދު މެންދުރު ފަހު އާންމު ކުރައްވާނެ ކަމަށެވެ. ކޮމިޝަން އަވަދި ނެތި އުޅުއްވަނީ އެކަމާ ބެހޭ ގޮތުން ނިންމެވި ގޮތުގެ ނޫސް ބަޔާނެއް ޑްރާފްޓް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ކޮމިޝަންގެ ނޫސް ބަޔާނުގައި ބުރަވެފައި އޮންނާނީ ގާނޫނުގައިވާ ގޮތުގެ މައްޗަށް ކަމަށާއި ގާނޫނުގައި އޮންނަނީ ސީއެސްސީން ކަނޑައަޅާފައިވާ ގޮތަށް ދާއިރާތައް ނިސްބަތްވާ ދާއިރާގެ ޒިންމާދާރު އިސްވެރިޔާގެ ގޮތުގައި ހުންނެވުމަށް ކަމަށެވެ.


"ގާނޫނުގައި ބުނާ ގޮތަށް އަޅުގަނޑުމެން ވިސްނުން ގެންގުޅެފައި ވާނީ އޭގެ ތަފުސީލްތައް ނޫސްބަޔާން ނެރުމުން އެނގިވަޑައިގަންނަވާނެ،" ފުއާދު ވިދާޅުވި އެވެ.


ހޯމް މިނިސްޓްރީން ރަށު އޮފީސްތަކަށާއި އަތޮޅު އޮފީސްތަކަށް މިދިޔަ ބުރާސްފަތި އަންގާފައި ވަނީ، ސީއެސްސީގެ ނިންމުން އެގޮތަށް އައިސްފައިވީ ނަމަވެސް، ލޯކަލް އިންތިހާބު ނިމެންދެން އެ ދާއިރާއެއް ހިމެނޭ ރަށު އޮފީހުގެ އިސް ވެރިއަކީ އެ އޮފީހެއްގެ ކައުންސިލަރު އަދި އަތޮޅު އޮފީހުގެ އިސް ވެރިއަކީ އަތޮޅު ކައުންސިލަރު ކަމަށެވެ.


"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލެއްގެ އިހުތިސާސްގެ ދާއިރާގެ ތެރޭގައި އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ހުންނާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒަފެއް ކަމުގައި ވީ ނަމަވެސް ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތައް ހިންގެވުމާ ހަވާލުވެ ހުންނަވާ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވާނީ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ކަމުގައި ދަންނަވަން،" އެ ސިޓީގައިވެ އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ކައުންސިލަރުންގެ މަގާމުތައް އުވުން ބަޔާންކުރާ 28 ވަނަ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގެ ދަށުން އެއްވެސް އިންތިހާބެއް ބޭއްވުމަށް އިއުލާންކޮށްފި ނަމަ، އެ އިންތިހާބަކަށް އިއުލާންކުރާ ދުވަހުން ފެށިގެން އެ އިންތިހާބެއް ނިމެންދެން، އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލެއްގެ އިހުތިސާސްގެ ދާއިރާގެ ތެރޭގައި އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނާނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒަފެކެވެ،" މިހެންނެވެ.


ސީއެސްސީން ބުނެފައި ވަނީ، ލޯކަލް އިންތިހާބަށް އިއުލާންކޮށްފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ ދާއިރާގެ އެންމެ އިސް ވެރިއަކަށް ހުންނަވާނީ މާލޭ މުނިސިޕަލްޓީގެ ޒިންމާދާރު ވެރިޔާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ ދާއިރާގެ އެންމެ އިސް ވެރިއަކަށް ހުންނަވާނީ، ސީއެސްސީން ހަމަޖައްސާފައިވާ ގޮތުން، އައްޑު އަތޮޅު އަތޮޅު އޮފީހުގެ ޒިންމާދާރު ވެރިޔާ އެވެ. އަތޮޅު ކައުންސިލްތަކުގެ ދާއިރާގެ އެންމެ އިސް ވެރިއަކީ އެ ދާއިރާއަކަށް ނިސްބަތްވާ އަތޮޅު އޮފީހުގެ ޒިންމާދާރު ވެރިޔާ އެވެ. އަދި ރަށު ކައުންސިލްތަކުގެ ދާއިރާގެ އެންމެ އިސް ވެރިއަކީ، ލޯކަލް އިންތިހާބު ނިމެންދެން، އެ ދާއިރާއަކަށް ނިސްބަތްވާ ރަށެއްގެ ރަށު އޮފީހުގެ ޒިންމާދާރު ވެރިޔާ ކަމަށް ސީއެސްސީން ބުނެ އެވެ.