18 Jul 2013, 21:26
ލަންޑަންގެ ޗެލްސީ ފުޓްބޯލް ކްލަބްގެ ފްރާންސް މިޑްފީލްޑަރު ފްލޮރެންޓް މަލޫދާ، އެ ކްލަބް ދޫކޮށް ތުރުކީގެ ޓްރަބްޒަންސްޕޯއަށް ބަދަލުވެއްޖެ އެވެ.
ޗެލްސީއަށް ހަ އަހަރު ދުވަހު ކުޅުމަށްފަހު 33 އަހަރުގެ މަލޫދާ، ޓްރަބްޒަންސްޕޯއަށް ބަދަލުވީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ފްރާންސްގެ ލިޔޯންއިން 2007 ވަނަ އަހަރު ޗެލްސީއާ ގުޅުނު މަލޫދާ ވަނީ އެ ކްލަބްގައި ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައި ޗެލްސީ ހޯދި ގިނަ ކާމިޔާބުތަކުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ޗެލްސީގައި ޕްރިމިއާ ލީގް އެއްފަހަރު، އެފްއޭކަޕް ތިންފަހަރު އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ.
އެހެން ނަމަވެސް ވޭތުވެދިޔަ ސީޒަންގައި ޗެލްސީގެ ސީނިއަޓީމުން މަލޫދާ ފެނިފައި ނުވާއިރު މުޅި ސީޒަން އޭނާ ހޭދަކޮށްފައިވަނީ ކްލަބްގެ ޔޫތު ޓީމާއެކުގަ އެވެ. އަދި އެންމެފަހުން ޗެލްސީގެ ސީނިއާ ޓީމުން މަލޫދާ ފެނިފައިވަނީ، 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.