އިންގްލެންޑުގެ މެންޗެސްޓާ ސިޓީގެ ރައިޓް ބެކް، މައިކޮން ސިސެނަންޑޯ، 31، އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެ އެވެ.

ހުސްވި އަހަރުގެ އޯގަސްޓް މަހު، އިޓަލީގެ އިންޓަމިލާނުން ތިން މިލިޔަން ޕައުންޑުގެ ފީއަކަށް ސިޓީއާ ގުޅުނު މައިކޮންއަށް އެ ކްލަބްގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ފިޓްނަސްގެ މައްސަލައާއި އޭނާ އިންޓަމިލާންއަށް ކުޅުނު އިރު ދެއްކި މޮޅު ކުޅުން، ސިޓީގައި ދެއްކިފައި ނުވުމުގެ ސަބަބުން މުޅި ސީޒަންގައިވެސް މައިކޮންއަށް ސިޓީގެ ޓީމުން ޖާގަ ލިބިފައިވަނީ އެންމެ 13 ފަހަރު އެވެ.

މައިކޮން ރޯމާއަށް ބަދަލުވެފައިވާއިރު އޭނާ އެ ކްލަބަށް ސޮއިކުރީ ކިހާވަރެއްގެ ފީއަކަށް ކަމެއް އެއްވެސް ކްލަބަކުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މައިކޮންއަކީ ސިޓީގެ ކޯޗުކަމަށް މަލާގާގެ ކުރީގެ ކޯޗު، މެނުއެލް ޕެލެގްރިނީ ހަވާލުވިފަހުން އެޓީމް އަލުން ބައްޓަން ކުރުމަށް ގެނައި ބަދަލު ތަކުގެ ތެރޭގައި ދޫކޮށްލި ފަސްވަނަ ކުޅުންތެރިޔާ އެވެ.

ސިޓީގެ އާޖެޓީނާ ފޯވަޑް ކާލޯސް ޓެވޭޒް، އިޓަލީގެ ޔުވެންޓާސްއަށް ވިއްކާލާފައިވާ އިރު، ސެންޓަބެކް ކޯލޯ ޓޫރޭއާއި، ލެފްޓް ބެކް ވޭން ބްރިޖްއާއި އަދި ފޯވަޑް ރޯގް ސަންޓާ ކްރޫޒްވަނީ، ސިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެހެން ކްލަބްތަކަށް ބަދަލުވެފަ އެވެ.

ޕެލެގްރިނީ ސިޓީގެ ކޯޗް ކަމާއި ހަވާލުވިފަހުން އޭނާ ވަނީ އެ ކްލަބަށް، 30 މިލިޔަން ޕައުންޑުގެ ފީއަކަށް ޝަހްތާ ޑޮނެޓްސްގެ ބްރެޒިލް މިޑްފީލްޑަރު ފާނަންޑިނިއޯއާއި، 14 މިލިޔަން ޕައުންޑުގެ ފީއަކަށް ސެވިއްޔާގެ ވިންގާ ޖީސަސް ނަވާޒް، އަދި ލަފާ ކުރެވޭ ގޮތުގައި 20 މިލިޔަން ޕައުންޑުގެ ފީއަކަށް ސެވިއްޔާގެ ފޯވަޑް އަލްވާރޯ ނެގްރެޑޯ މިހާރު ދަނީ މެޑިކަލް ކަންތައް ނިންމުމަށްފަހު ސޮއިކުރުމުގެ ތައްޔާރީތައް ވަމުންނެވެ.