ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ ކަމަށް ގާނޫނޫގައި ބުނެފައިވާ 1500 މީހުންގެ ސޮއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަކުރައްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހްމަދު ތައުފީގު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ 1500 މީހުންގެ ސޮއި ހަމަކުރެވުނު ނަމަވެސް އިތުރަށް ވެސް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ގާނޫނުގައި މި އޮންނަނީ އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއްނަމަ 1500 މީހުންގެ ސޮޔާއި އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް. އެހެންނަމަވެސް އަޅުގަނޑުމެން މި ސައްކަތް ކުރަނީ އިތުރު ސޮއިތަށް ވެސް ހޯދުމަށް،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރަށް ސޮއި ހޯދުމަށްފަހު އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ސޮއިހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު މާލޭގައި ޑޯޓްޑޯ ކެންޕޭނެއް ވެސް ކުރިއަށްދާ ކަމަށާއި އެ ކެމްޕޭންގައި ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ކެމްޕޭން ކުރިން ވެސް ތާވަލް ކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ.

ރިޔާސީ އިންތީޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ބޭނުންވާ 1500 މީހުންގެ ސޮއި ހޯދުމަށް ހިލާލީގޭގައި ރޭ ވަނީ ހަރަކާތެއް ހިންގާފަ އެވެ.