އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ނަޝީދުގެ ކެންޑިޑެސީ ސައްޚަކަމަށް އެ ކޮމިޝަނުން ކަނޑައެޅީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މިއަދު މެދުންދުރު 1:45 އެހައިކަންހާއިރު އެ ކޮމިޝަނަށް ހުށަހެޅުމުން އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ފަހު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ފުވާދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔުންތައް އެ ކޮމިޝަނަށް ހުށަހެޅުމަށް ވަޑައިގެންފައި ވަނީ މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ކަމަށެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެންސީ ސައްޚަމަށް މިހާރު ރަސްމީކޮށް އަންގާފައިވާ ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.

"މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީގެ ކެންޑިޑެންސީ ސައްޚަކަމަށް ރަސްމީކޮށް އެ ދެ ބޭފުޅުންނަށް މިހާރު ވަނީ އަންގާފައި،" ފުވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ އިތުރުން މިހާތަނަށް އިތުރު އެއްވެސް ބޭފުޅަކު ފޯމް ހުށަހަޅުއްވާފައި ނުވާކަމަށެވެ. ފޯމް ހުށަހެޅުމުގެ ސުންގަނޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަޝީދުގެ އިތުރުން ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ޕީޕީއެމްގެ ޓިކެޓުގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ގާސިމް އިބްރާހީމާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު ސައުދު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ވެސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައި ވަނީ އަމިއްލަގޮތުން ކަމަށެވެ.