ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސްޕެޝަލް އެޑްވައިޒަރުކަމުން ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޑރ. ހަސަން ރައީސް ވަހީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ސްޕެޝަލް އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައިފި ކަމަށާއި ދައުލަތަށް ހިދުމަތް ކުރެއްވުމަށް ދެއްވި ފުރުސަތަށް ރައީސް ވަހީދަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ގައުމަށް ހިދުމަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ހިދުމަތް ކުރައްވާފައި ވާނީ ތެދުވެރިކަމާއި އިހްލާސް ތެރިކަމާ އެކު ކަމަށް ވެސް ހަސަން ސަން އަށް ވިދާޅުވި އެވެ.

ހަސަން ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިން މޭޓްކަން ގަބޫލުކުރައްވައިފަ އެވެ. ރަނިންމޭޓް ރަސްމީކޮށް އިއުލާން ކުރުން އޮންނާނީ މާދަމާ ރޭ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަންގެ އިސްތިއުފާއާ އެކު ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ދެއްވީ ކުރީގެ ބަންޑާރަނައިބު އައިޝަތު ބިޝާމެވެ.