18 Jul 2013, 16:03
ކީރިތި ޤުރުއާނާއި ޙަދީޘުގައި ރޯދަޔަށް ދެއްވާފައިވާ ނަމަކީ "ޞައުމު" އެވެ. ޞައުމު ގެ ލަފުޒީ މާނައަކީ ހުއްޓައިލުމެވެ. ނުވަތަ ހުއްޓިލުމެވެ. ހުއްޓައިލުމަކީ އެއްޗަކާ ނުވަތަ ކަމަކާ ދުރުހެލިވުމެވެ. ދުރައްޖެހިލުމެވެ. މިއީ އިންސާނާ ފަދަ މަޚުލޫޤަކަށް އިންތިހާ ދަރަޖައިގެ މުހިންމުކަމެވެ. އިންސާނީ މުޢާމަލާގެ ފަންސާސް އިންސައްތައަކީ ހުއްޓައިލުމެވެ. އަނެއްފަންސާސް އިންސައްތަ އަކީ ކުރުމެވެ. އިންސާނާއަށް ރަނގަޅުކަމެއް ކުރަން ފެށެނީ ނުރަނގަޅު ކަމެއް ހުއްޓާލައިގެނެވެ. ރޯދައިގެ ޒަރީޢާއިން އިންސާނާއަށް ލިބެނީ މިބޭނުންތެރި ކަންތައްތަކުގެ ތަރްބިޔަތެވެ.
މިސާލަކަށް ތައުހީދުގެ މައްސަލައާ މެދު ވިސްނާލަމާ ހިންގަވާށެވެ. އެންމެފުރަތަމަ ކަމަކީ އިންސާނާ މާތްﷲ ނޫން އެހެން ފަރާތްތައް ކައުވަންތަކަމުގެ ދަރަޖައަށް ގެންދިޔުން ހުއްޓައިލުމެވެ. އަރަހުށި މާތްﷲ އަކީ ތިމާގެ ރައްބު ކަމަށާއި، ރަސްވަންތަ އިލާހުކަން ޤަބޫލުކުރެވޭނީ އޭރުންނެވެ. އިންސާނާއަށް ނަބީބޭކަލެއްގެ މަގުދެއްކެވުމަށް ތަބާވެވޭނީ ނަބީބޭކަލުން ފިޔަވައި އެހެނިހެން ފަރާތަކަށް ނަބީބޭކަލުންނަށް ޙައްޤުވެގެންވާ މަޤާމުދިނުމުން އެއްކިބާވެގެންނެވެ.
ކާބަފައިންނާއި، ޤައުމުގެ ބޮޑުންނާއި، ދީނީ ޒަޢީމުންނަށް ނަބީބޭކަލުންނަށް ޙައްޤު މަޤާމުދިނުން ހުއްޓައިލައިގެންނެވެ. އިންސާނާއަށް ކީރިތި ޤުރުއާނަށް ޙައްޤު މަޤާމު އެފޮތަށް ދެވޭނީ މަންސޫޙުވެފައިވާ ފޮތްތަކާއި، ޣައިރުދީން ތަކުގެ ދީނީ ފޮތްތަކަކީ އިތުބާރެއް ނެތް ފޮތްތަކެއްކަން ޤަބޫލުކޮށް އެފޮތްތައް ދޫކޮށްލައިގެންނެވެ. ހަމައެފަދައިން އިންސާނާ މަލާއިކަތުންގެ ޞުޙުބަތާ އެކަށީގެންވާ މީހަކަށްވާނީ ޝައިޠާނާގެ ވާގިވެރިންނާ ވަކިވެ ޝައިޠާނާއަށް އަޅުކަން ކުރުން ހުއްޓާލައިގެންނެވެ. އިންސާނާއަށް މާތްﷲ އެދިވޮޑިގެންވާ މަގުން ހިނގަންފެށޭނީ ތިމާގެ ހަވާނަފްސު އެދޭގޮތަށް ހިނގުން ހުއްޓައިލައިގެންނެވެ. އިންސާނާއަށް ތަވާޟުއުވެރިކަން ޚިޔާރުކުރެވޭނީ ބޮޑާކަމާއި ކިބުރުވެރިވުމުގެ މިޒާޖު ބަދަލުކޮށްލައިގެންނެވެ. އިންސާނާއަށް ފުއްދުންތެރިކަމާއި ސާދާކަން އިޚްތިޔާރުކުރެވޭނީ ތިމާގެ މުދަލުން އިސްރާފުކުރުން ހުއްޓާލައިގެންނެވެ. އިންސާނާއަކީ ޒިންމާދާރު ހަރުދަނާ މީހަކަށް ވާނީ މަސްއޫލިއްޔަތު ނުއުފުލުމާއި ފަރުވާކުޑަކަން ދޫކޮށްލައިގެންނެވެ.
ދޫކޮށްލުމާއި ޚިޔާރުކުރމުގެ މަސްއަލައަކީ އިންސާނުންގެ މުޅި ހަޔާތާ ގުޅުންހުރި މައްސަލައެކެވެ. ދޫކޮށްލުމާއި ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިގަނެގެން މެނުވީ އިންސާނާއަށް އޭނާގެ ދިރިއުޅުމަކީ އިސްލާމީ ދިރިއުޅުމަކަށް ނެހެދޭނެއެވެ. ރޯދަ އިންސާނާއަށް ދެނީ އެކަމުގެ ތަރުބިޔަތެވެ. އިންސާނާގެ ކިބައިގައި އުފައްދަނީ އެކަމުގެ ޤާބިލިއްޔަތެވެ. ދޫކޮށްލުމުގެ އުޞޫލު ޤަބޫލުނުކުރާ މީހާ އަކީ ޚިޔާރުކުރުމުގެ ބާއްޖަވެރިކަން ވެސް ހޯދޭނޭ މީހެއްނޫނެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފުޞާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެފައިވެއެވެ. އިސްލާމުދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡްކުރައްވައިފައި ވެއެވެ.
"ފަޖުރުލުމުގެ ކުރީން ރޯދަޔަށް ހުރުމަށް ފުރިހަމަޔަށް ޤަޞްދު ނުކުރާ މީހަކަށް ރޯދައެއް ނުވެއެވެ." (އައްތިރުމިޒީ: ކިތާބުއްޞައުމި)
އިތުރު ސާހިބާގެ މިޙަދީޡްފުޅުން ރޯދަޔަށް ނިޔަތްގަތުމުގެ މުހިންމުކަން އޮޅުމެއްނެތި ބަޔާންވެއެވެ. ނިޔަތްގަތުމުގައި ދުލުން ވަކިއެއްޗެއް ކިޔުމެއް ލާޒިމެއްނޫނެވެ. ނިޔަތްގަތުމަކީ ހިތުން ކުރާކަމެކެވެ. އެހެންކަމުން ރޯދަަޔަށް ނިޔަތްގަތުމަކީ ރޯދަޔަށް ފަށަން ޖެހޭވަގުތު ޖެހުމުގެ ކުރިން ރޯދަޔަށް ހުރުމަށް ޢަޒުމު ކަނޑައެޅުމެވެ. އެދުވަހު ރޯދަޔަށް ހުންނަން ޤަޞްދުކުރުމެވެ. ރޯދައިގެ ވަގުތު ޖެހުމުގެ ކުރިން ތިމާ މާދަމާ ހުންނާނީ ރޯދަޔަށްކަން ހިތުގައި ކަނޑައެޅުމެވެ. ހަމަޖެހިފައިވާ ދީނީ ހަމަތަކުގެ މަތީން މިޢަޒުމު ކަނޑައެޅުމަކާނުލައި ހައިހޫނުކަމުގައި ހުރުމަކީ ރޯދަހިފުމެއް ނޫނެވެ.
އެހެނިހެން ޝަރުޢީ ޢަމަލުތަކެކޭ އެއްފަދައިން ރޯދަހިފުމަކީ ވެސް ތިމާގެ ޤަޞްދާއެކު ކުރަންޖެހޭ ދީނީ ޢަމަލެކެވެ. އިންސާނާ އޭނާގެ ޤަޞްދާއި އިޚްތިޔާރުގައި ކުރަންޖެހޭ ކަމެކެވެ. އެޢަމަލު ކުރަމުންދާއިރު އިންސާނާ އުޅެންވާނީ ރޯދަވެރިގޮތުގައެވެ. އޭނާ ވިސްނުން ގެންގުޅެންވާނީ ރޯދަޔާގުޅޭ ގޮތެއްގައެވެ. އޭނާ ހުންނާންވާނީ މުއުމިނު އަޅަކު ރޯދަޔަށް ހުންނައިރު އޭނާގެ ކިބައިގައި ހުރުން މާތްﷲ އެދިވޮޑިގެންވާ ރައްބާނީ އިޙްސާސާއެކުގައެވެ. ރޯދަވެރިޔާ އޭނާގެ ރޯދަަޔަކީ ހަމައެކަނި ޖިސްމާނީ ރޯދަޔަކަށް ހަދައިގެންނުވާނެއެވެ. އޭނާގެ ޝުޢޫރާއި އޭނާގެ ޖަޒުބާތު ވެސް އޭނާގެ ރޯދައިގެ ޢަމަލުގައި ބައިވެރިކުރަން ޖެހޭނެއެވެ. ރޯދަޔަށް ނިޔަތްގަތުމުގެ މަޤްޞަދަކީ މިއީއެވެ.
ތެދުވެރި މުއުމިނުން އެބައިމީހުންގެ ރޯދަ ފަށަންވާނީ ސަރީޙު ނިޔަތަކާ އެކުގައެވެ. ޤަޞްދަކާ އެކުގައެވެ. އެމީހެއްގެ ވިސްނުން ހިންގަންވާނީ ވެސް ރޯދަވެރި މިސްރާބަކަށެވެ. އޭނާ ރޯދަޔާ މެދު ޚިޔާލު ބަހައްޓަން ވާނެއެވެ. ބަނޑުހައި ކަމާއި، ފެންބޮވައިގަތުމުގެ ތަޖުރިބާއާ އެކު މަތީދަރަޖައިގެ ރޫޙާނީ ޙަޤީޤަތްތައް ވެސް ތަޖުރިބާކުރަންވާނެއެވެ. ރޯދަވެރިޔާ ޤުރުއާން ކިޔަވާއިރު ނުވަތަ ނަމާދުކުރާއިރު އޭނާގެ ރޯދަ އޭނާގެ ނަމާާދާއި ޤުރުއާންކިޔެވުމުގައި އާދަޔާ ޚިލާފު ރޫޙާނީ އަސަރެއް އުފެއްދުމުގެ ސަބަބަކަށް ވެއެވެ. ރޯދަވެރިކަމުގައި ދުވާލު ވޭތުކުރުމާއި، ރޭއަޅުކަމުގައި ރޭގަނޑު ހޭދަކުރުމަކީ އޭނާ މާތްﷲ އާ އިތުރަށް ކުއްތަންކޮށްދޭ ސަބަބަކަށް ވެއެވެ. ޙަޤީޤީ ރޯދަޔަކީ ރޯދަވެރިޔާގެ މުޅި ހަޔާތު ރޯދަޔަށް މިސްރާބު ޖަހައިދޭ ރޯދައެވެ. ރޯދަހިފުމުގެ ޤަސްދުގައި ހިފާ ރޯދައެވެ.