18 Jul 2013, 16:10
އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން އިއްޔެ ހަވީރު 1-0 ން މޮޅުވެ ކްލަބް އީގަލްސް، ކާބޯ ވެޓަރަންސްކަޕްގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.
އެ މުބާރާތުގައި އީގަލްސް މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާއިރު އެ ކްލަބް ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. އިއްޔެގެ މެޗުން ބަލިވި އޭވައިއެލްއަށާއި އަދި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އިއްޔެގެ މެޗު އީގަލްސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، މުހައްމަދު ޒިޔާދު އެވެ. އަދި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސްގެ އަހްމަދު ނިޔާޒު އެވެ.
ޖުމްލަ ހަ ޓީމް ބައިވެރިވެފައިވާ މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި ބީޖީ ސްޕޯޓްސް އެވެ.