18 Jul 2013, 15:31
އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދީ 25 މިލިޔަން ރުފިޔާ އަށް ކަމަށް ޕީޕީއެމްގެ ވަގުތީ ޑެޕިއުޓީ ލީޑަރު އަބްދުރަހީމް އަބްދުﷲ އިއްޔެ ވިދާޅުވީ "ރަށު ތެރެއިން" އެގޮތަށް އަޑުއިވިފައި އޮތުމުން ކަމަށް ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަބްދުއްރަހީމް ވިދާޅުވީ ނުރަސްމީކޮށް އެނގިފައި އޮތް ގޮތުން ޖުމްހޫރީ ޕާޓީ އިން އަދަލާތަށް 25 މިލިޔަން ރުފިޔާ ހުށަހަޅުއްވާ ކަމަށެވެ. އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ޖުމްހޫރީ ޕާޓީން ވަރަށް ބޮޑެތި ފައިސާގެ އަދަދުތަކެއް އަދާލަތަށް ހުށަހަޅުއްވާފައި ކަމަށް ވާހަކަ ދައްކާފައިވާ ކަމަށް އަބްދުއްރަހީމް އިއްޔެ ވިދާޅުވި އެވެ.
"ނުރަސްމީކޮށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ ޖުމްހޫރީ ޕާޓީ އިން އެބޭފުޅުންނަށް 25 މިލިޔަން ރުފިޔާ ހުށަހަޅުއްވާފައި އޮތް ކަމަށް. ހަމަ އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި ވެސް ސީދާ އަދަދު ވިދާޅު ނުވި ކަމުގައިވީ ނަމަވެސް، އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން އެބަހުރި ވިދާޅުވެފައި، ޖުމްހޫރީ ޕާޓީން ވަރަށް ބޮޑެތި އަދަދުގެ ފައިސާ އަދާލަތު ޕާޓީ އަށް ހުށަހަޅުއްވާފައި އެބަ ހުރި ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަމަވެސް ޕީޕީީއެމްގެ ސްޕޯކްސް ޕާސަން މިއަދު ވިދާޅުވީ އަބްދުއްރަހީމް ދެއްކެވި ވާހަކަ މީޑިއާ އިން ފަތުރާފައި ވަނީ ޕީޕީއެމުން "ގަބޫލު ކުރާ ގޮތަކަށް ނޫން"ކަމަށާއި ޕީޕީއެމުން ކަންބޮޑުވާ ގޮތަށް ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ފެތުރުނީތީ އަދާލަތު ޕާޓީގެ މެންބަރުންގެ ކިބައިން މަހުލޫފު މައާފަށް އެދިވަޑައިގެންނެވި އެވެ.
"މިތަނުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަބްދުއްރަހީމް އޮތީ އެހެނެއް ނޫން ވިދާޅުވެފައި. އަބްދުއްރަހީމް ވިދާޅުވީ އެދެކެވުނު ވާހަކަތަކުގެ ތެރެއިން 25 މިލިއަން ރުފިޔާއެއްގެ ވާހަކަ ވެސް ދެކެވުނު ކަމަށް ތިމަންނަމެންނަށް ރަށު ތެރެއިން އަޑުއިވިފައި އެބަހުއްޓޭ. އެއްވެސް ފަހަރެއްގައި ވިދާޅެއް ނުވޭ، ސީދާ އެއީ 25 މިލިއަން ރުފިޔާއަށް ކަމެއް ކޯލިޝަން ހެދީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ޑރ. ހަސަން ސައިދު ހަމަޖެއްސިޔަސް ޕީޕީއެމުން ކަންބޮޑު ނުވާ ކަމަށާއި އެކަމާ މެދު ފާޑުކިޔަން ވެސް ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާއިރުގައި އަދާލަތާއި ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީއާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ތިއްބަވާނީ ޕީޕީއެމްއާ އެކުގައި ކަމަށެވެ.
ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، އިންތިހާބުގައި ވާދަ ނުކުރާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ޑިވެލަޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކޯލިޝަން ހެދުން ގާތީ ޕީޕީއެމްއާ ކަމަށް މަހުލޫފު ވިދާޅުވި އެވެ. ޕީޕީއެމްއާ އެކު އެމްޑީއޭ އިން ކޯލިޝަން ހެދުމަށް ނުރަސްމީކޮށް ވާހަކަދެކެވޭ ކަމަށާއި ނަމަވެސް ރަސްމީ ސިފައެއްގައި އެފަދަ ވާހަކަތަކެއް ކުރިއަށް ނުދާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.