ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފުޅެއް ފޮނުއްވައިފި އެވެ.

އެ މަގާމަށް އައްޔަން ކުުރުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅަކީ މާފަންނު ލިޔާގޭ އާމިނަތު ރުކްޝާނާ އިބްރާހީމްގެ ނަމެވެ. އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ ކުރިން ހަމަ އެމަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނާ ގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ހަމަޖެއްސެވުމަށް، އޭނާގެ ނަން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ.

ރުކްޝާނާގެ އެ ކޮމިޝަންގައި ހިމެނުމަށް ނިންމާފައި ވަނީ ރިސްވާންގެ ނަން އަނބުރާ ގެނައުމަށް ފަހު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވައިލުމަށް ފަހު އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ޝަހިންދާ އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ ހަތަރު މެމްބަރަކުންނެވެ.

އެ ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރައްވަނީ ފުލުހުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ގައިވާ ގޮތުގެމަތިން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. އަދި ރުކްޝާނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.