18 Jul 2013, 15:04
ރައީސް މުހައްމަދު ވަހީދު އިސްކޮށް ހުންނަވާ "ގައުމައިގެން ކުރިޔަށް" ކޯލިޝަނުން ވަކިވީ ހަރުދަނާ ރިޔާސީ އިންތިހާބެއް ކުރިޔަށް ގެންދިއުމަށް "ނުކުޅެދިފައިވުމާއި" ކޯލިޝަންގެ ސްޓިއަރިން ކައުންސިލް އުވާލުމަށް ފަހު ގަނޑުވަރު ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ.
ރައީސް ވަހީދުގެ ސްޕެޝަލް އެޑްވައިޒަރަކަށް ހުންނެވި ޑރ. ހަސަން ސައީދުގެ ޕާޓީން މިއަދު ވަނީ ކޯލިޝަނުން ވަކިވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓްކަން ގަބޫލުކުރައްވައިފަ އެވެ.
ޖުމްހޫރީ ކޯލިޝަނަށް ތާއީދުކުރަން ނިންމި ސަބަބު ހާމަކޮށް ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޯލިޝަން ހެދުމަށް ފަހު މިދިޔަ ދުވަސްތަކުގައި ޑރ. ވަހީދު ވަނީ އާއިލީ ނުފޫޒުން އެއްކިބާވެ ކޯލިޝަންގެ ބައިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމާއި ހަރުދަނާ ރިޔާސީ އިންތިހާބެއް ކުރިޔަށް ގެންދިއުމަށް ނުކުޅެދިފައި ކަމަށެވެ.
ގައުމީ ޕާޓީން ބުނީ ކޯލިޝަންގެ ބައިވެރިންނަށް ކެމްޕޭންކުރުމާއި ހަރަކާތްތެރިވުމަށް އެކަށީގެންވާ ދައުރެއް ނުލިބޭ ކަމަށެވެ. އަދި ކެމްޕޭންކުރުމުގެ ވައްޓަފާޅިއެއް ނެތް ބިދޭސީންނާއި އާއިލާގެ ބޭފުޅުންކޮޅެއް އިސްކޮށް ކެމްޕޭން ހިންގަން ފެށުމަކީ ވަކިވާން ޖެހުނު ސަބަބެއް ކަަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ކޯލިޝަންގެ ސްޓިއަރިން ކައުންސިލުން ނިންމާފައިވާ ނިންމުމާ ހިލާފަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހުރިހާ ޕާޓީތަކުން މަސައްކަތްކުރުމުގެ ބަދަލުގައި ބައެއް ޕާޓީތަކުން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންނާ ސިއްރުން މުއާމަލާތްކުރުމަށް ފަހު ތަފާތު ނުފޫޒު ބޭނުންކޮށްގެން ޕާޓީ ބަދަލުކުރުވަން މަސައްކަތްކުރާ ކަމަށެވެ.
"އިހުލާސްތެރި ހެޔޮނިޔަތުގައި ގައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ކޯލިޝަން ހަދާ މަސައްކަތްކުރަމުންދަނިކޮށް މާލީ މަސްލަހަތު އިސްކުރި ފަރާތްތަކަށް ކޯލިޝަނުން އިސްދައުރެއް ނުދިނުން. ކޯލިޝަންގެ މި މައްސަލަތައް ހައްލުކުރުމަށް ކެނޑިނޭޅި ކުރެވުނު މަސައްކަތްތަކުން މި ނިންމުން ނިންމުމާ ހަމަޔަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވުން،" އެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ދެ ހާސް އަށް ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ހަސަނާއި ގާސިމަކީ ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނެވި ދެ ބޭފުޅުންނެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި މުޅި ވޯޓުގެ 17 ޕަސްންޓް ހަސަން ނެންގެވި އެވެ. އަދި ގާސިމު ނެންގެވި 15 ޕަސެންޓް ވޯޓާ އެކު އެ ދެ ބޭފުޅުން މުޅި ވޯޓުގެ ޖުމްލަ 32 ޕަސެންޓް ވޯޓު ހޯއްދެވި އެވެ.
ޑރ. ހަސަން ސައީދު ގާސިމުގެ ރަނިންމޭޓަކަށް ވަޑައިގަންނަވާ އިރު ހަސަން ކުރިން ވިދާޅުވެފައި ވަނީ ގާސިމްގެ އަރިހުގައި ޓީމެއް ނެތް ކަމަށެވެ.