ޖޭބިކްގެ ލޯނު އެހީގެ ދަށުން  60މިލިޔަން ރުފިޔާ ހަރަދުކޮށްގެން ށ. ފުނަދު އާއި ބ. އޭދަފުށީގައި ގާއިމްކުރި ނަރުދަމާ ނިޒާމްތައް ދެ ޔުޓިލިޓީސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.


ދަރުބާރުގޭ ހަކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ނިޒާމް ޔުޓިލިޓިސް ދެ ކުންފުންޏާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް އެވެ. އެ ދެ ކުންފުނީގެ ފަރާތުން ނަރުދަމާތަކާ ހަވާލުވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.


އަޕާ ނޯތް ޔުޓިލިޓީޒްގެ ފަރާތުން ށ. ފުނަދޫގެ ނަރުދަމާއާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދެވެ. އަދި ނޯދަން ޔުޓިލިޓީސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހަސަން އެވެ.


މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ އެ މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ ވަރަށް ބޮޑު އެހީއާ އެކު ކުރިއަށް ގެންދެވި މަޝްރުއެއް ކަމަށާއި ނަރުދަމާގެ ނިޒާމުތައް ޔުޓިލިޓީސް ކުންފުނިތަކާ ހަވާލުކުރައްވަނީ ވީހާވެސް ކައިރިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.  


މިއަދުގެ ރަސްމިއްޔާތުގައި ޔުޓިލިޓީސް ކުންފުނިތަކުގެ ފަރާތުން އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވިދާޅުވީ އެ ކުންފުނިތަކުން އަބަދުވެސް މަސައްކަތް ކުރާނީ ވީހާ ވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި އެބޭފުޅުންގެ އަމާޒަކީ ކުރިއަށް އޮތް ތާނުގައި ފެނާއި ގޭހުގެ ހިދުމަތް ވެސް އެ އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.


ޔުޓިލިޓީސްތަކުން ރައްޔިތުންނަށް މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ އޮޕަރޭޝަން ކޮސްޓުގެ ގޮތުގައި ފީއެއް ނަގައިގެންނެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް ނުބުނެ އެވެ.