18 Jul 2013, 14:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެނަކާ އެކު ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ވީޑިއޯއެއްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ޝާވިސް ކޮމިޝަނުން އެކުލަވައިލި ކޮމިޓީގެ ދެ މެމްބަރުން އިސްތިއުފާ ދެއްވައިފި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ތިން މެމްބަރުންގެ ތެރެއިން އިސްތިއުފާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ލަތީފާ ގާސިމް އާއި ކޮމިޝަންގެ ނައިބް ރައީސް އަބްދުﷲ ދީދީ އެވެ.
އެ ކޮމިޝަންގެ މެމްބަރު ލަތީފާ މިއަދު ވިދާޅުވީ އަލީ ހަމީދުގެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޓީން އެ ދެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އަދި އެއްވެސް ފަރާތަކަށް ދެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދެ މެމްބަރުން އިސްތިޢުފާ ދެއްވާފައި މިވަނީ ފަނޑިޔާރު އަލީ ހަމީދާ ބެހޭ ގޮތުން ޖޭއެސްސީން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އޭނާއާ މެދު ވަގުތީ ފިޔަވަޅެއް އެޅުމަށް ތަހުގީގު ކޮމިޓީން ހުށަހަޅައިފައިވާ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ އިސްތިއުފާ ދިނީ އެ ބައްދަލުވުމައި ކޮމިޝަންގެ ބައެއް މެމްބަރުން ކޮމިޓީގެ މަސައްކަތްތަކާ މެދު ސުވާލުއުފައްދައި ވާހަކަ ދައްކަވާފައިވާތީ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ ހިލޭ އަންހެނަކާ އެކު ޒިނޭ ކުރާ ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ ޖޭއެސްސީން އެކުލަވާފައިވާ ކޮމިޓީން ބަލަމުން އަންނަ އިރު ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) އާ އެކު ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އަލީ ހަމީދު ވާހަކަ ދައްކަވާ ވީޑިއޯގެ މައްސަލަ އަކާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހިމާ އެކު ރެސްޓޯރަންޓެއްގައި އޭނާ ބައްދަލުކުރައްވާ ވީޑިއޯގެ މައްސަލައެއް ވެސް އެ ކޮމިޝަންގެ ލީގަލް ޓީމުން ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.