މާލެއަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސީޕީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދުތައް އެޅުމަށް ބަނދަރެއް ހެދުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބައިގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް މި އެއްބަސްވުމުގައި ބުނެފައިވާ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކާނަލް އަލީ ޒުހައިރެވެ. އަދި ސީޕީއެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޒިޔާދެވެ.

އެމްއެންޑީއެފް ޑެޕިއުޓީ ސްޕޯސްކްސް ޕާސަން މޭޖާ ހުސެއިން އަލީ ވިދާޅުވީ މި ޕްރޮޖެޓްގެ ދަށުން ހަވާލުކުރީ ބަނދަރުގެ ނެރު ކޮނުމާއި އެތަން ކޮނެގެން ނަގާ ވެލިން އެއް ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން އެތަނުގެ ތޮށިލުމުގެ މަސައްކަތްކުރުމަށް ކަމަށެވެ. އެ މަސައްކަތްތަށް ފަސް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަށް އަޅުގަނޑުމެން ބަޔަކު ހޮވީ ބީލަމުގެ އުސޫލުން މިކަމަށް ކުރިމަތިލި ފަރާތްތައް އިވެލުއޭޓްކުރުމަށްފަހު. މި މަޝްރޫއަކީ ސިފައިންގެ ވެލްފެއާ ކުންފުނިން އިސް ނަގައިގެން ކުރިޔަށް ގެންދާ މަޝްރޫއެއް،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯސްޓްގާޑުގެ ބަނދަރު ތަރައްގީކުރަން ނިންމާފައި ވަނީ ޖޮއިންޓްވެންޗާ އުސޫލުން އިންވެސްޓަރަކާ ގުޅިގެން ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ބޯޓު ބަނުމާއި މަރަމާތުކުރުމުގެ އިތުރުން ރާއްޖެ އަންނަ ބޭރުގެ އަސްކަރީ އުޅަނދުތަކަށް ހިދުމަތް ދެވޭނެ ނިޒާމް ގާއިމުކުރެވޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.