18 Jul 2013, 14:19
ރަތްކާޑު ދެއްކުމުން އެސިސްޓެންޓް ރެފްރީގެ މޫނަށް ކުޅުޖަހައި ރެފްރީއަށް ހަމަލާދިން، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އިބްރާހީމް ޝިނާޒް (ޝިނާ)، 18 މަސްދުވަހަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.
އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހި ލީގު ކޮލިފިކޭޝަންގައި މި މަހުގެ ހަތަރު ވަނަނަދުވަހު ވިކްޓަރީ ސްޕޯޓްސް ކްލަބާއި، މަހިބަދޫ ސްޕޯޓްސް ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގައި ރެފްރީ އަހްމަދު މަމްދޫހުއާ ދިމާއަށް ޝީނާ ހަޑިހުތުރު ބަހުން މުއާމަލާތްކުރުމުން ރެފްރީ އޭނާއަށް ރަތްކާޑު ދެއްކުމުން ޝިނާ ދަނޑުން ފައިބައިގެން ދަމުން އެސިސްޓެންޓް ރެފްރީ އާދަމް ފަޒީލުގެ މޫނަށް ކުޅުޖަހައި، އަދި މެޗު ނިމުމުން ރެފްރީގެ ގައިގައި ގޮއްމުއްކަވާފައި ދެފަހަރު ޖަހާފައިވާތީ އެމަސައްލަ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށްފަހު ޝިނާޒު ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.
އެ ބަޔާނުގައިވަނީ، މެޗު ކޮމިޝަނަރުގެ ރިޕޯޓަށާއި، މެޗް ރިޕޯޓަށާއި އަދި މެޗު އޮފިޝަލުން ހާޒިރު ކުރުމުން މެޗް އޮފިޝަލުން ދެއްވި ބަޔާންތަކަށް ރިއާޔަތްކޮށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ ކޯޑުގެ 33 ވަނަ މާއްދާއަށް ރިއާޔަތް ކޮށް، 39 ވަނަ މާއްދާގެ 17 ޖުލައި 2013 ވަނަ ދުވަހުން ފެށިގެން 18 މަސްދުވަހުގެ މުއްދަތައް، ބައިނަލްއަގްވާމީ މުބާރާތް ތަކާއި، ގައުމީ މުބާރާތްތައް، އަދި އެފްއޭއެމް އިން ޝާމިލްވެގެން ބާއްވާ މުބާރާތް ތަކުގައި ބައިވެރި ނުވަވޭ ގޮތަށް އަދި ކުޅިބަލާ ސަރަހައްދަށްވެސް ނުވަދެވޭގޮނެ ގޮތަށް ޝިނާޒު ސަސްޕެންޑް ކުރުމަށް ޑިސިޕްލިނަރީ ކޮމިޓީގެ އަގްލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
ދިވެހި ލީގު ކޮލިފައިން ގައި މަހިބަދޫ ސްޕޯޓްސް އަތުން ވިކްޓަރީ ބަލިވީ 4-2 ލަނޑުން ނެވެ.