18 Jul 2013, 14:13
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުކަން ކުރީގެ ބަންޑާރަނައިބު އައިޝަތު ބިޝާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހުއްމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މަގާމަށް އެ ކަމަނާ އައްޔަން ކުރެއްވީ މިއަދު މެންދުރު ކަމަށެވެ.
ބިޝާމް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ހަމަޖައްސާފައި މި ވަނީ އެ މަގާމުގައި ހުންނެވި ޑރ. ހަސަން ސައީދު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިން މޭޓްކަން ބަލައިގަނެ ސްޕެޝަލް އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އެންގެވިތާ މާ ގިނަ އިރެއް ނުވެ އެވެ.
ބަންޑާރަ ނައިބު ކަމުގެ މަގާމު ބިޝާމަށް ގެއްލުނީ ރައްޔިތުންގެ މަޖިލީހުން އެކަމަނާ އަށް ރުހުން ނުދިނުމުންނެވެ.