18 Jul 2013, 14:07
މާލެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ޓަޓްވާއާ އެކު ވެފައިވާ އެއްބަސްވުން އާކޮށް 15 ދުވަހުގެ ތެރޭގައި ކުނި މެނޭޖްމަންޓް ނިޒާމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފައި ވަނީ އެއެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭ ގޮތަށް ކުލިންޓަން ފައުންޑޭޝަންގެ ލަފާގެ މަތިން ކަމަށެވެ.
މިގޮތުން އެގްރިމެންޓަށް ގެނައި އެންމެ ބޮޑު އިސްލާހަކީ ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ހަވާލުކުރުމެވެ.
މިނިސްޓަރު ޝަކީލާ ވިދާޅުވީ މިހާރު މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޓަޓްވާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ ކުނި ކޮށިތަކަށް ޖަމާވާ ކުނި ކޮންމެ ދުވަހަކު ތިލަފުށްޓައް ގެންދެވޭނެ ކަމަށާއި ހުޅުމާލެއާއި ވިލިގިލީގައި ހުންނަ ކުނި ކޮށިތަކަށް ޖަމާވާ ކުނި ކޮންމެ ދެ ދުވަހުން އެއް ދުވަހު ތިލަފުށްޓަށް ގެންދެވޭނެ ކަމަށް ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ އެންމެ ބޮޑު އަމާޒަކީ މާލެ، ވިލިގިލި އަދި ހުޅުމާލޭގެ ކުނި ކޮށިތަކަށް ކުނި ޖަމާވާ ވަރަކަށް އެކުނިތައް ތިލަފުށްޓައް ގެންދިޔުމާއި މާލެ ސިޓީގެ ކުނިކޮށިތަކުގައި ކުނި އެންދުން ހުއްޓާލުން ކަމަށެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ކޮންމެ ގޭބީސީއަކުން ފީއެއް ނަގައިގެން ކުނި އެއްކޮށް އެއުކާލުމުގެ މަސައްކަތް ޓަޓްވާއިން ކުރާނެ ކަމަށާއި މިފީ ނެގުމަށް މިހާރު ނިންމާފައި ވަނީ ސްޓެލްކޯގެ ކަރަންޓު ބިލަށް އިތުރުކުރާ އެއްޗެއްގެ ގޮތުގައި ކަމަށް ޝަކީލާ ވިދާޅުވި އެވެ.
ތިންވަނަ ފިޔަވައްސަކީ މާލެ ސަރަހައްދުގައި ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށް މައުލޫމާތު ލިބެ އެވެ. މިއިން ކޮންމެ ފިޔަވައްސެއް ވެސް ކުރިއަށް ދާނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.
މިނިސްޓަރު ޝަކީލާ ވިދާޅުވީ މިގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތްކުރުމުގެ ބޭނުމަކީ ޓަޓްވާ އިން އެއްބަސްވުމާ ހިލާފުވުމުން އެގްރިމެންޓް އުވާލުމުގެ ބަދަލުގައި މަސައްކަތުގެ ދެވަނަ ފިޔަވަހި ޓަޓްވާއާ ހަވާލުނުކޮށް ކުރިއަށް ދެވޭނެ މަގެއް ހޯދުން ކަމަށެވެ.
"ފިޔަވަހިތަކަކަށް ބަހާލުމުން މިސާލަކަށް ފުރަތަމަ ފިޔަވަހީގައި ޓަޓްވާއިން އެއްބަސްވުމާ ހިލާފުވީ. އެހެން ވެއްޖެއްޔާ އަޅުގަނޑުމެންނަށް ދެވަނަ ފިޔަވަހި އެހެން ބަޔަކާ ހަވާލުކުރެވިދާނެ. މިހާރު މިއޮތް ގޮތުން އެއްބަސްވުމުގައި ސޮއިކުރެވޭނީ ކޮންމެ ފިޔަވައްސަކަށް ވަކި ވަކިން" ޝަކީލާ ވިދާޅުވި އެވެ.
ޝަކީލާ ވިދާޅުވީ ކުނި ނައްތާލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށާއި ފަށާއިރު ޓަޓްވާއިން ބޭނުންކުރާނީ މާލެ ސިޓީ ކައުންސިލުގެ ވެހިކަލްތައް މަރާމާތުކުރުމަށް ފަހު އެވެހިކަލްތައް ކަމަށެވެ.
ޝަކީލާ ވިދާޅުވީ ގޭބީސީތަކުން ނެނގޭ ފީ 10 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނުކުރެވޭނެ ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާނެ ކަމަށާއި މިހާރު އެގްރިމެންޓް އޮތް ގޮތުން ކުނި ރީސައިކަލްކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ވަންނާނީ ދައުލަތުގެ މާލިއްޔާއަށް ކަމަށެވެ.
އަދި ވޭސްޓް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ޓަޓްވާއި ނެނގޭ ފައިސާގެ ރޭޓެއް ވެސް އެއްބަސްވުމުގައި މިހާރު ވަނީ ކަނޑައަޅާފަ އެވެ.
މިގޮތުން ޓަޓްވާއިން ކުރާ މަސައްކަތުގެ ހަރަދުތަކަށް ޕްރޮފިޓް މާޖިނަކަށް ލެވޭނީ އެންމެ ބޮޑުވެގެން 15 ޕަސަންޓްގެ މާޖިނެއް ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ.
މާލެ ސިޓީގެ ކުނީގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެގެން ގޮސްފައި ވަނީ ސަރުކާރާއި މާލެ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ނެވެ.
ކުނި ނައްތާލުމުގެ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި މާލެ ސިޓީ ކައުންސިލާއި ޓަޓްވާއާ ދެމެދު ކުރެވިފައިވާ އެއްބަސްވުމެކެވެ.