18 Jul 2013, 13:42
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު އައްޔަންކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ އޮތޯރިޓީގެ ނައިބު ރައީސް ސުޖާއު ހުސައިން ސިވިލް ކޯޓަށް ހުށަޅާފައިވާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.
އެލްޖީއޭގެ ނާއިބް ރައީސްގެ ހައިސިއްޔަތުން ސުޖާއު ހުށަހަޅުއްވާފައިވާ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައި ވަނީ އެލްޖީއޭގެ ނައިބު ރައީސްގެ ހައިސިއްޔަތުން އެ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ނެގި އިޖުރާއީ ނުކުތާ ނެގުމުންނެވެ.
ދައުލަތުން ނެގި އިޖުރާއީ ނުކުތާގައި ބުނެފައި ވަނީ އެލްޖީއޭ އަކީ ދައުލަތުގެ މުއައްސަސާއެއް ކަމަށާއި އެހެންކަމުން އެތަނުގެ ނާއިބް ރައީސްގެ މަގާމަކީ ވެސް ދައުލަތުގެ މަގާމެއް ކަމަށެވެ.
އެލްޖީއޭ އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ތަނެއް ނޫންކަމަށާއި އެފަދަ މުއައްސަސާތައް ކޯޓުގައި ތަމްސީލް ކުރަންޖެހޭނީ ބަންޑާރަ ނާއިބް ކަމަށް ވެސް ދައުލަތުން ނެގި އިޖުއީ ނުކުތާގައި ވަނީ ބުނެފަ އެވެ.
އިޖުރާއީ ނިންމުމުގައި ބުނެފައި ވަނީ ދައުވާ ފޯމްގައި އެލްޖީއޭގެ ނާއިބް ރައީސްގެ ހައިސިއްޔަތުން ކަމަށް ބުނެފައި ވަނީ އެ އޮތޯރިޓީއާއި ސުޖާއުއާ ދެމެދު އޮތް ގުޅުމާއި މަސްލަހަތު ބަޔާން ކުރުމަށް ކަމަށެވެ.
ގާޒީ އަލީ ރަޝީދު ހުސައިން މިއަދު އެގޮތަށް ނިންމާފައިވާއިރު ސުޖާއު ހުސައިން އަމިއްލަ ނަމުގައި ކުރިން އެ ދައުވާ ކުރުމުން ގާޒީ އައިޝާ ސުޖޫން މުހައްމަދު ވަނީ އެގޮތަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި މައްސަލަ ކޯޓުން ބޭރުކޮށްފަ އެވެ.