މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުގައި ފައިލްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތަކާއި ފައިސާ ހަވާލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު މެންދުރު ރައީސް ނަޝީދު އެމްޑީޕީ މީހުންނާ އެކު ހިންގަވާފައި ވަޑައިގެންނެވީ ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ޑރ. މުސްތޮފާ ލުތުފީއާ ވެސް އެކު އެވެ.

އިލެކްޝަނަށް ވަޑައިގެން ކެންޑިޑެސީ ފޯމު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަދި އޭގެ ފަހުން ބޭއްވި ބައި އިލެކްޝަންތައް ބާއްވާފައި ވަނީ ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ. އަދި އެމަނިކުފާނު އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ރިޔާސި އިންތިޚާބު ވެސް ހަމަ އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ވޭތުވެ ދިޔަ ދުވަސްތަކުގައި ބޭއްވި އިންތިޚާބުތައް ހާއްސަކޮށް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަދި އޭގެ ފަހުން ބޭއްވި ބައި އިލެކްޝަންތައް ބާއްވާފައި ވަނީ އަޅުގަނޑުމެން ހިތްހަމަ ޖެހޭ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ކުރިން ކަންބޮޑުވާ ބައެއް ކަންކަން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ވޯޓުފޮށިތައް ކައިރިއަށް އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިސަރަކާ ނުލައި އެއްވެސް މީހަކަށް ކައިރިވެވިގެން ނުވާނެ ކަމަށެވެ.

ކެންޑިޑެސީ ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ނަޝީދުގެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފުއާދު ވިދާޅުވީ ނަޝީދު ފާހަގަކުރެއްވި ކަންބޮޑުވާ ކަންތައް ހައްލުކުރެއްވުމަށް އިލެކްޝަނުގެ ފަރާތުން ކޮށްދެވެން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.

އިލެކްޝަންސް އިން ބުނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ޕްރޮސެސްކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭ ކެންޑިޑެސީ ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.