18 Jul 2013, 12:37
ހޫނު މޫސުމްގެ ޓްރާންސްފާގައި ޗެލްސީގެ ސްކޮޑް ވަރުގަދަކުރުމަށް ޓާގެޓް ކުރާ ހަމަ އެކަނި ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވާޑް ވޭން ރޫނީ ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޕްރިސީޒަން ޓުއާގައި ތައިލެންޑްގެ ސިންގާ އޯލްސްޓާސް އަތުން 1-0 ން މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، ސިއްރުން ކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ޔުނައިޓެޑުން ރޫނީ ދުކުރަންޏާ ދޫކުރަންވީ ކަމަށެވެ.
"އަހަރެމެން އެ ކުޅުންތެރިޔާ ބޭނުން. ގޮތެއް ނިންމާނީ ޔުނައިޓެޑުން،" ރޫނީއާ ބެހޭ ގޮތުން ޗެލްސީގެ ކޯޗު ބުންޏެވެ. "އަހަންނަށް ހީވަނީ މިކަންތައް މިހާރު ވަރަށް ސާފުހެން. މިކަމުގައި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތް."
ޗެލްސީގެ ކޯޗު ބުނީ، ރޫނީ ފިޔަވައި "ސަމާ ޓްރާންސްފާ"ގައި އިތުރު ކުޅުންތެރިއަކު ހޯދަން އެ ކްލަބުން ވިސްނާފައި ނުވާ ކަމަށެވެ. އަދި ރޫނީގެ ޓްރާންސްފާގެ ޕާޓް އެކްސްޗޭންޖެއްގެ ގޮތުގައި ޗެލްސީގެ ޑޭވިޑް ލުއިޒް ނުވަތަ ހުއާން މާޓާ ފަދަ ކުޅުންތެރިއަކު ޔުނައިޓެޑަށް ދޫކޮށްފާނެ ކަމަށް ދެކެވޭ ވާހަކައާ ބެހޭގޮތުން މޮރީނިއޯ ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
"އަހަރުމެން ޔުނައިޓެޑަށް ހުށަހެޅި އޮފިޝަލް ބިޑްގައި، ކަނޑައެޅިފައިވާ ފީގެ ވާހަކަ ބުނެފައި އޮންނާނެ. އޭގައި އެއްގޮތަކަށްވެސް ނޯންނާނެ، ޗެލްސީގެ ކުޅުންތެރިއަކު ބަދަލުގައި ދޭގޮތަކަށް. އަހަރެމެން މިހާރު އެއޮތީ ބިޑްކޮށްފައި. ދެން އިތުރަށް ބުނާނޭ އެއްޗެއް ނެތް،" މޮރީނިއޯ ބުންޏެވެ.
ރޫނީ ގެންދިއުމަށް ކުރިން، ޗެލްސީއިން ހުށަހެޅުމުން ޔުނައިޓެޑުން ވަނީ، އެކަމާ ދެކޮޅުހަދައި، ރޫނީ ވިއްކައި ނުލާނޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ އާ ކޯޗު ޑޭވިޑް މޮއެސްގެ ޓީމްގައި ރޫނީއަށް ލިބޭނީ އެ ކްލަބްގެ ޑަޗް ފޯވަޑް ރޮބިން ވެންޕާސީގެ ބެކަޕް ރޯލެއް ކަމަށް މޮއެސް ބުނުމުން، ރޫނީ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފަ އެވެ.
"އަހަރުމެން ވިސްނާފައި އޮތީ، ވެންޕާސީއަށް އިންޖަރީއެއް ފަދަ ކަމެއް ދިމާ ވެއްޖެނަމަ ރޫނީގެ ބޭނުން ހިފޭނެ ކަމަށް،" ރޫނީއާ ބެހޭގޮތުން މޮއެސް ކުރިން ބުނެފައިވެ އެވެ.
ރޫނީ ވަނީ، މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ހުރެފައި، ވެންޕާސީގެ ބެކަޕް ރޯލެއް އަދާކުރަން ޖެހުނަސް އެކަން އޭނާ ގަބޫލު ނުކުރާނޭ ކަމަށް ބުނެފަ އެވެ.