08 Nov 2010, 08:08
ބީނާފުށި (ކުޑަރަށް) ހއ. އަތޮޅު އޮފީހުން ޔޮޓްޓުއާޒް އަށް ކުއްޔަށް ދީފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް ނޭނގި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސާ ފަސީހް ޒާހިރު މިއަދު ވިދާޅުވީ އެ ރަށް ޔޮޓްޓުއާޒްއާ ހަވާލުކުރިކަން އޭނާ އަށް ވެސް އެނގިވަޑައިގަތީ ބައެއް ނޫސްތަކަށް ހއ. އަތޮޅު އޮފީހުން ދީފައިވާ މައުލޫމާތުން ކަމަށެވެ.
އަދި ފަސީހު ވިދާޅުވީ އެ ރަށަކީ ޓޫރިޒަމް "ފެސިލިޓީއެއް" ގާއިމް ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ދީފައިވާ ރަށެއް ކަމަށް އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ހަސަން ޒަމީރު ވެސް އޭނާގެ އަރިހުގައި އެ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ނޫސްތަކުން ހަބަރުލިބޭ އަތޮޅު އޮފީހުން އެތަން ޔޮޓްޓުއާޒް އަށް ދީފައި އޮތް ހަބަރު. އަތޮޅު އޮފީހުން ވެސް ނުވަތަ އެނޫން ވެސް އޮފީހަކުން ލިޔެފައެއް ވެސް ނެތް، [އެ ރަށް ޔޮޓްޓުއާސް އާ ހަވާލުކުރާ ވާހަކައެއް]. އަޅުގަނޑުމެންގެ އޮފީހުގެ އެސިސްޓަންޓް ޑައިރެކްޓަރު ޒަމީރު ވެސް ވިދާޅުވެފައި އޮތީ އެ ރަށަކީ ޓޫރިޒަމް ފެސިލިޓީއެއް ގާއިމްކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާ ހަވާލުކޮށްފައިވާ ރަށެއް ކަމަށް،"
ރީތި މޫދަކާއި ގޮޑުދަށެއް އޮންނަ ބިނާފުށި ކުޔަށް ދިނުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތަކެއް ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށް ހޯދުމަށް އެއްވެސް ފަރާތަކުން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މެންނަށް އެނގިގެނެއް ނޫން އެ ރަށް ދީފައި އޮތީ. އަޅުގަނޑުމެންގެ މިނިސްޓްރީ އަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައި ވެސް ނެތް އެ ރަށް ހޯދާކަށް. މިކަމާގުޅިގެން ބަލަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ބަލަމުން ގެންދާނަން." ފަސީހު ވިދާޅުވި އެވެ.
ބީލަމަށް ލުމެއް ނެތި އަދި ޓޫރިޒަމް މިނިސްޓްރީގެ ހުއްދައަކާ ނުލައި ބިނާފުށި ޔޮޓްޓުއާސްއަށް ކުއްޔަށް ދިނީ ކީއްވެގެންތޯ ސާފުކުރުމަށް ހއ. އަތޮޅު އޮފީހަށް ގުޅުމުން އެ އޮފީހުގެ އޮފިޝަލެއް ވިދާޅުވީ އެ ރަށް ކުއްޔައް ދެއްވުމުގެ ކަންތައްތަކުގައި އުޅުއްވީ އަތޮޅު ކައުންސިލަރު ފަތުހުﷲ ހަސަން ކަމަށާއި އޭނާއާ ގުޅުމަށެވެ. ނަމަވެސް ފަތުހުﷲ ފޯނު ނުނަންގަވާތީ އޭނާގެ ކޮމެންޓެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އިއްޔެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އެ ރަށް ޔޮޓްޓުއާޒް އަށް ކުއްޔަށް ދީފައިވާ ކަމަށެވެ.
ބިނާފުށި ކުއްޔަށް ދިނީ ކީއްކުރަން ކަމެއް، ކިހާ މުއްދަތަކަށް އަދި ކިހާ ކުއްޔަކަށް ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.