މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބާއްވަން ހަމަޖެއްސި ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެގޮތަށް އެދުމުން ކަމަށެވެ.

އަލީ ޝާން ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އިންކާރުކުރުމަށް ފަހު ގާނޫނީ ވަކީލަކު ހަމަޖައްސާފަ އެވެ.

މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ އާ ދެކޮޅަށް ހެކި ހުށަހެޅުމަށް ޝަރީއަތުން ވަނީ ދައުލަތަށް ފުރުސަތު ދީފަ އެވެ.

ޝާންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އާ ދެ މީހުން ބައިވެރިވެގެން ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.