18 Jul 2013, 12:28
"ގައުމައިގެން ކުރިއަށް" ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށް ނިންމި ނިންމުމުގައި މަގާމާއި ފައިސާގެ މައްޗަށް ބިނާކުރިނަމަ އަދާލަތު ޕާޓީން ކޯލިޝަން ހަދާނީ ޕީޕީއެމްއާ ކަމަށް އެޕާޓީން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ލީޑް ކުރައްވާ "ގައުމައިގެން ކުރިއަށް" ކޯލިޝަން ތެރޭގައި ހަގީގަތް ނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އަދާލަތު ޕާޓީ ވަކިވެ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދީ 25 މިލިޔަން ރުފިޔާ އަށް ކަން ނުރަސްމީކޮށް އެނގިފައިވާ ކަމަށް ޕީޕީއެމްއިން ބުނުމާއި ގުޅިގެން އާދަލަތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީއަކީ ފައިސާއަށް ޕާޓީގެ ސިޔާސަތު ވިއްކާލާނެ ބައެއް ނޫންކަން އެންމެ ބޮޑަށް އެނގޭނެ ބަޔަކީ ޕީޕީއެމްގެ ލީޑަރުންނަށް ކަމަށެވެ.
އިއްޔެ ބެއްވި ޕީޕީއެމްގެ ނޫސްކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޢަބްދުއްރަހީމް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށް ނިންމި ނިންމުމުގައި މަގާމާއި ފައިސާގެ މައްޗަށް ބިނާކުރިނަމަ އެޕާޓީން ކޯލިޝަން ހަދާނީ ޕީޕީއެމްއާ ކަމަށާއި ޕީޕީއެމް އޮތީ އަދާލަތުން އެދޭ ކޮންމެ މަގާމެއް ދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ހުށަހެޅި އަދަދަކަށް ފައިސާދޭން ތައްޔާރަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދަލަތުން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ނިންމުން ބިނާކޮށްފައިވަނީ އަމިއްލަ މަސްލަހަތާއި ފައިސާއަށް ނޫން ކަމަށާއި އެކަންކޮށްފައި ވަނީ ގައުމާއި މަސްލަހަތާއި އެޕާޓީގެ މެމްބަރުންގެ ވިންދަށް ކަމަށެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން އަދާލަތުން ވަކިވުމަށްފަހު ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމަށް ނިންމާފައި ވަނީ ޕާޓީގެ އާންމު މެމްބަރުން މެދުގައި ކުރިއަށް ގެންދިޔަ ފުޅާ ސާވޭއެއްގައި 83 ޕަސެންޓް މެމްބަރުންގެ ތާއިދާއެކު ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވެ އެވެ. އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށަހަޅައި ކުރިއަށްގެންދިޔަ މަޝްވަރާކުރުމަށްފަހު ހާޒިރުވެ ތިބި 34 މެމްބަރުންގެ ތެރެއިން 27 މެމްބަރުން ވޯޓު ދެއްވާފައިވަނީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ކަމަށް އަދާލަތުން ވަނީ ބުނެފަ އެވެ.