18 Jul 2013, 12:13
"ގައުމާއިގެން ކުރިއަށް ކޯލިޝަނުން" ގައުމީ ޕާޓީ ވަކިވެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަން އެ ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސްޕެޝަލް އެޑުވައިޒަރު ޑރ. ހަސަން ސައީދު ގަބޫލު ކުރުމަށް ދެންމެ ނިންމައިފި އެވެ.
ގައުމީ ޕާޓީގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ދެންމެ ސަން އަށް ވިދާޅުވީ އެ ނިންމުން ނިންމީ ދެންމެ ކަމަށާއި މިއަދުގެ ވަގުތެއްގައި ރައީސްގެ އެޑްވައިޒަރުކަމުން ޑރ. ހަސަން ސައީދު އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެކަން ކެބިނެޓް ސެކްރެޓަރީ ޑރ. އަބްދުﷲ ނަޒީރަށް ވެސް އަންގަވާފައިވާ ކަމަށެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ގައުމީ ޕާޓީ "ފުޅާ ކޯލިޝަނުން" ވަކިވީ ކެމްޕޭންތައް ރަނގަޅަށް ނުހިނގާތީ އެވެ. އަދި ކެމްޕޭންގެ ކަންކަން ރަނގަޅަށް ކޯޑިނޭޓް ނުކުރާ ކަމަށް ވެސް އެނގިފައިވެ އެވެ.
ސަން އާ ވާހަކަ ދެއްކި ގައުމީ ޕާޓީގެ ބޭފުޅަކު ވިދާޅުވީ ވަހީދަކީ "ބެސްޓް ކެންޑިޑޭޓް" ކަމަށާއި ނަމަވެސް "ހުރިހާ ކަމަށް ވެސް "ފެމެލީން ބާރުފޯރުވާ" ކަމަށެވެ. އަދި ކެމްޕޭންތައް ދަނީ އެއްވެސް ވަރަކަށް އޮގަނައިޒުނުވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ލީޑް ކުރައްވާ "ގައުމާއިގެން ކުރިއަށް" ކޯލިޝަނުން ވަކިވި ދެ ވަނަ ޕާޓީ އެވެ. ކުރިން ވަނީ އަދާލަތު ޕާޓީ އެ ކޯލިޝަނުން ވަކިވެފަ އެވެ. އަދި އަދާލަތު ޕާޓީ ވެސް ގުޅުނީ ޖުމްހޫރީ ޕާޓީ އާ އެވެ. އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވީ "އަޑިނޭނގޭ" ކަންތައްތަކެއް ކޯލިޝަން ތެރޭގައި ހިނގާ ކަމަށް ބުނެ އެވެ.
ދެ ހާސް އަށް ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ހަސަނާއި ގާސިމަކީ ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނެވި ދެ ބޭފުޅުންނެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރުގައި މުޅި ވޯޓުގެ 17 ޕަސްންޓް ހަސަން ނެންގެވި އެވެ. އަދި ގާސިމު ނެންގެވި 15 ޕަސެންޓް ވޯޓާ އެކު އެ ދެ ބޭފުޅުން މުޅި ވޯޓުގެ ޖުމްލަ 32 ޕަސެންޓް ވޯޓު ހޯއްދެވި އެވެ.
ޑރ. ހަސަން ސައީދު ގާސިމުގެ ރަނިންމޭޓަކަށް ވަޑައިގަންނަވާ އިރު ހަސަން ކުރިން ވިދާޅުވެފައި ވަނީ ގާސިމްގެ އަރިހުގައި ޓީމެއް ނެތް ކަމަށެވެ.