18 Jul 2013, 11:36
އޮފީސް ތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ދެ ޖާގަ ސްޓެލްކޯގެ އަހްމަދު ރަމްޒީއާއި އެމްއެންޑިއެފްގެ އިބްރާހީމް މަސްއޫދު ހޯދައިފި އެވެ.
އެމްޕީބީއޭގެ ކްލަބް ހައުސްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރީ އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލްއާއި އެމްއެންޑީއެފްގެ މަސްއޫދު އިބްރާހީމް އެވެ. މަސްއޫދު އެ މެޗު ކާމިޔާބު ކުރީ 5-2 ން ނެވެ. އަދި ދެވަނަ ސެމީގައި އެމްއެންޑީއެފްގެ ފަރީމްއާ ވާދަކޮށް ސްޓެލްކޯގެ ރަމްޒީ މެޗު ކާމިޔާބު ކުރީ 5-3 ން ނެވެ.
ސިންގަލްސް އިވެންޓުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ފެށުމަށް ހަމަޖެފައިވާ ޓީމް އިވެންޓްތަކުގެ ހުރިހާ މެޗެއް ކުޅެ ނިމުމުން، ޓީމް އިވެންޓުގެ ފައިނަލާއެކު މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު އެވެ.
ޖުމްލަ 10 އޮފީސް ބައިވެރިވެފައިވާ އެ މުބާރާތުގައި ކޮންމެ އޮފީހަކުން ފަސް ކުޅުންތެރިން ބައިވެރިވެފައިވާ އިރު މުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ، އިންޑިވިޖުއަލް އަދި ޓީމް އިވެންޓްވެސް ހިމެނޭ ގޮތަށެވެ.
މުބާރާތުގެ ކުޅުން އޮންނާނީ ކޮންމެ ރެއެއްގެވެސް 9:30 އިން ފެށިގެން 12:30 އަށް އެމްޕީބީއޭގެ ކްލަބް ހައުސްގަ އެވެ.