ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދަކީ ދައުލަތަށް "ނުހަނު ގިނަ ޚިދުމަތްތަކެއް ނުހަނު ގިނަ ޒަމާންތަކެއް" ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހަމީދަށް ނުސީދާކޮށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި އޮނަރަބަލް އަބްދުﷲ ހަމީދަކީ މި ރާއްޖޭގެ ދައުލަތަށް ނުހަނު ގިނަ ޚިދުމަތްތަކެއް ނުހަނު ގިނަ ޒަމާންތަކެއް ވަންދެން ވެވަޑައިގެންފައި ހުންނެވި ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.

އިއްޔެ މޫކައި ސުއީޓްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ އެންދެރިމާގޭ ބޭފުޅުންނާއި ހަމީދުގެ ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެންދެރިމާގޭ އެންމެ ބޭފުޅުން އެމްޑީޕީއާ އެކީގައި އެއްފިކުރަކަށް ވަޑައިގަތުމަށް ވާހަކަދައްކަވައި ފިކުރުހިންގަވާނެ،"

ނަޝީދު ހަމީދަށް ނުސީދާކޮށް ތައުރީފު ކުރެއްވި އިރު އަބްދުﷲ ހަމީދަކީ ކޮރަޕްޓް ބޭފުޅެއް ކަމަށާއި އޭނާގެ މައްސަލަތައް ކޯޓުގައި ނުނިމި ދިގުދެމިގެންދާ ކަމަށް ބުނެ އެމްޑީޕީގެ އިސް ފަރާތްތަކުން މީގެ ކުރިން ތަކުރާރުކޮށް ވާހަކަ ދައްކާފައިވެ އެވެ.