ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ގައުމީ ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕޮލިޓިކަލް އެޑުވައިޒަރު ޑރ. ހަސަން ސައީދު ހަމަޖައްސާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ ހަސަން ގާސިމްގެ ރަނިން މޭޓަކަށް ހަމަޖެއްސުމަށް ރޭ ފައިނަލައިޒްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ހަސަން ވެސް އަދި ޖޭޕީއަކުން ކަށަވަރެއް ވެސް ނުކޮށްދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ރަނިން މޭޓަކަށް ޑރ. ހަސަން ނަންގަވަނީ 2008 ވަނަ އަހަރު އޭނާ ހޯއްދަވާފައިވާ ކާމިޔާބީ އަށް ބެއްލެވުމަށް ފަހު އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ނާއިބު ލީޑަރު އިލްހާމް އަހްމަދު ރޭ ވިދާޅުވީ ގާސިމް އިބްރާހީމްގެ ރަނިންމޭޓް މި ރޭ އިއުލާން ކުރެއްވުމަށް އެ ޕާޓީން ނިންމަވާފައިވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށް ކަނޑައަޅާ ބޭފުޅަކީ އެކަމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރަނިންމޭޓް އިއުލާންކޮށްފައި ނުވަނީ ހަމައެކަނި ގާސިމެވެ.