ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އޭނާގެ މަންމައާ ސުވާލުކުރުމުން ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގު ޓީމެއް ތޮއްޑު އަށް ގޮސް އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ ހަނީމޫން ޒުހުރާ އަބްދުﷲއާ ސުވާލުކުރުމުން ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ޒުހުރާއާ ސުވާލުކޮށްފައި ވަނީ އޭނާ ތޮއްޑޫ ކައުންސިލް އިދާރާ އަށް ހާޒިރުކޮށްގެން ކަމަށެވެ.

ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ބައްޕަ ހދ. ކުޅުދުއްފުށީ ބަނދަރު މުހައްމަދު ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާ ވެސް ވަނީ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވައިފަ އެވެ.

ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލަ އަކީ އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލެއިން ގޯއްޗެއް ބައްލަވައިގެންފައި ވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ބަލަމުންގެންދާ މައްސަލައެކެވެ.

ސަން އިން ކުރިން ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ ހަނީމޫން ޒުހުރާ އަބްދުﷲ ޒުހުރާ ކުރިން ވިދާޅުވެފައި ވަނީ މާލެ އިން ގޯއްޗެއް ބައްލަވައިގަތީ އަމިއްލަ އާމްދަނީން ލިބޭ ފައިސާއަކުން ނޫން ކަމަށާއި އެ ގޯއްޗަކީ އަލީ ވަހީދުގެ ބައްޕަ ބޯޓް ދަތުރުކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ އިން ބައްލަވައިގެންނެވި ގޯއްޗެއް ކަމަށެވެ. އެއީ އަލީ ވަހީދު ދެއްވި ފައިސާއަކުން ބައްލަވައިގެންނެވި ގޯއްޗެއް ނޫން ކަމަށް ވެސް ޒުހުރާ ވަނީ ވިދާޅުވެފަ އެވެ.

އަލީ ވަހީދުގެ މަންމަ ޒުހުރާ އެހެން ވިދާޅުވި ނަމަވެސް އެ ގޯތި ބައްލަވައިގަތުމަށް ފައިސާ ދެއްކީ ޓެޕް ކޮންސްޓްރަކްޝަނުންކަމަށް އެނގޭ ފަދަ ލިޔުންތަކެއް އޭގެ ފަހުން ވަނީ އާންމުވެފަ އެވެ.

އަލީ ވަހީދުގެ މަންމަ މާލެ އިން ބައްލަވައިގަތް ގޯތީގެ އިތުރަށް އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެ އިން ބީލަމުގެ އުސޫލުން ދެ ބިމެއް ބައްލަވައިގަތެވެ. އެއިން ކޮންމެ ބިމެއްގެ އަގަކީ 4.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ފައިސާ ނުދެއްކެވިގެން ވަނީ ކެންސަލްވެފަ އެވެ.