ޢަންމާން (ޖުލައި 18): އިސްރާއީލާއި ފަލަސްތީނުގެ މަސްއޫލުވެރިން ސުލްޙައިގެ މޭޒުދޮށުގައި ވަރަށް އަވަހަށް އިށީންނަވާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.

މިއަހަރު ކެރީ މެދުއިރުމައްޗަށް ކުރައްވާ ހަ ވަނަ ދަތުރުފުޅުގައި އުރުދުންގެ ޚާރިޖީ ވަޒީރު ނާސިރުލްޖަވްދާ އާ ޢަންމާންގައި ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ ހުއްޓިފައިވާ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަރުދާގެ އަނެއްފަރާތުގައި ބޮޑެތި މަސައްކަތްތަކެއް އެމެރިކާ ކުރަމުންގެންދާ ކަމަށާއި މިމަސައްކަތްތަކަށް ކުރިއެރުންތަކެއް ވެސް މިހާރު ލިބިފައިވާކަމުގަ އެވެ. ކެރީ ވިދާޅުވީ އޭނާގެ މަސައްކަތްތަކުގެ ސަބަބުން ސުލްޙައިގެ ވަހަކަތައް އަލުންފެށުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ބޮޑުބައެއް މިހާރު ނައްތާލެވިފައިވާ ކަމަށާ އިސްރާއީލާއި ފަލަސްތީނުގެ މަސްއޫލުވެރިން ދާދިއަވަހަށް ސުލްޙައިގެ މޭޒުދޮށުގައި އިށީންނަވާނެ ކަމަށް އުންމީދު ކުރައްވާކަމުގަ އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް މީގެ 21 އަހަރުކުރިން ފަށާފައި ވަނީ ސުލްޙައިގެ ބަދަލުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ދޫރުކުރުމުގެ އަސާސްގެ މައްޗަށެވެ. ނަމަވެސް މިވާހަކަތައް 18 އަހަރުވަންދެން ކުރިޔަށްދިޔައިރު ވެސް އިސްރާއީލުން ވަނީ ސުލްޙައިގެ ބަދަލުގައި ހިފާފައިވާ ފަލަސްތީނުގެ އެއްވެސް ބިމަކުން ފޭބުމަށް ދެކޮޅު ހަދާފަ އެވެ. އަދި ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔަ މިދިގު މުއްދަތުގައި ވެސް އިސްރާއީލުން ވަނީ 1967ގައި އިސްރާއީލުންހިފި ފަލަސްތީނުގެ ބިންތަކުގައި އެތައް ލައްކަ ޔަހޫދީންނެއް ވަޒަންވެރި ކުރުވައި އެބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމުގެ ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓާނުލާ ކުރިޔަށްގެންގޮސްފަ އެވެ.

ދެ ހާސް ނުވަ ވަނަ އަހަރު ސުލްޙައިގެ ވާހަކަތައް ހުއްޓުނީ މިވާހަކަތަކަށް 18 އަހަރުވީއިރު ވެސް ކޮޅެއްގައި ނުޖެހި ނަތިޖާއެއް ނެރެވިފައިނުވާތީ އާއި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރިޔަށްގެންދާ ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓާލުމަށް އިސްރާއީލު ދެކޮޅު ހަދަމުންގެންދާތީ ސުލްހައިގެ ވާހަކަތަކުގެ މާނައެއް ނެތުމުންނެވެ. އެއަށް ފަހު ފަލަސްތީނުން ވަނީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރިޔަށްގެންދާ ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓާ ނުލަނީސް ސުލްޙައިގެ މޭޒުދޮށަށް އަލުން ނުދިޔުމަށް ނިންމާފަ އެވެ.
އިސްރާއީލުން މިދިޔަ މަހުގައި ވެސް ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިތުރު ހައުސިންގް ޔުނިޓްތަކެއް އެޅުމަށް ނިންމައި އެކަން އިޢްލާންކޮށްފަ އެވެ. އެމެރިކާ ވަނީ ބައިނަލްއަޤްވާމީ އުސޫލުތަކާއި ޤާނޫނުން ބޭރުވެފައިވާ އިސްރާއީލު ހަމަމަގަށް އެޅުވުމަށާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލަށް ފިއްތުންތައް ކުރުމަތި ކުރުމުގައި ނާމިޔާބުވެފަ އެވެ.

އިސްރާއީލާއި ފަލަސްތީނުގެ މަސްއޫލުވެރިން ސުލްޙައިގެ މޭޒުދޮށުގައި ވަރަށް އަވަހަށް އިށީންނަވާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށްވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ވާހަކަ ދެއްކެވި ނަމަވެސް ފަލަސްތީނުން މިކާމާބެހޭ ގޮތުން އެއްޗެއް ބުނެފައެއްނުވެ އެވެ. (އަލްޖަޒީރާ)