ޤާހިރާ (ޖުލައި 18): މިސްރަށް ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަން މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާއި އެޖަމާއަތުން އުފައްދާފައިވާ ސިޔާސީ ޕާޓީކަމަށްވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީގެ ބައެއް ލީޑަރުންނާ ޤާހިރާގައި ބައްދަލުކުރައްވައިފި އެވެ.

ކެޓްރިން އާ ބައްދަލުކުރެއްވުމަށް ފަހު އިޚްވާން ޖަމާއަތުގެ އިސްބޭފުޅެއް ކަމަށްވާ މުޙައްމަދު ބިޝްރު ވިދާޅުވީ ޑރ. މުރުސީ މަޤާމުން ދުރުކުރުމަށް ވާދަވެރި ސިޔާސީ ފަރާތްތަކާއި ސިފައިން ގުޅިގެން ރޭވިރޭވުންތަކާއި އެކަންތައްތައް ސިފައިން ތަންފީޒުކުރި ގޮތް ކެޓްރިންއަށް ދެންނެވި ކަމަށާ ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާކަމުގަ އެވެ. ކެޓްރިންއާ މިވާހަކަތައް ޙިއްސާ ކުރެއްވި ނަމަވެސް ބޭރުގެ އެއްވެސް ނުފޫޒެއް މިސްރަށް ފޯރުމަށް އިޚްވާން ޖަމާއަތުން ބޭނުންނުވާކަމަށާއި މިސްރުގެ މައްސަލަތައް ޙައްލުކުރާނީ ރައްޔިތުން ކަމަށް އިޚްވާން ޖަމާއަތުން ގަބޫލުކުރާ ކަމަށް ބިޝްރު ވިދާޅުވި އެވެ.

ޢަސްކަރީ އިންޤިލާބެއްގައި މިސްރުގެ ސިފައިން ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ކުރިމުޒާހަރާތަކަށް ބަޑިޖަހައި 50 އެއްހާ މީހުން މަރާލައި 400 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލިކަމުގެ ތުހުމަތު މިސްރު ސިފައިންގެ މައްޗަށް އިޚްވާން ޖަމާއަތުން ވަނީ ކޮށްފަ އެވެ. ނަމަވެސް މިކަން އެމެރިކާ އާއި ޔޫރަޕްގެ ސަމާލުކަމަށް އައިސްފައެއްނުވެ އެވެ.

މިސްރަށް މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަން ވަނީ މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ މިނިވަން ކުރުމަށްވެސްގޮވާލައްވާފަ އެވެ. އޭނާ މިކަމަށް އެދިވަޑައިގެންނެވީ އިއްޔެ މިސްރުގެ ވަގުތީ ރައީސް ޢަދްލީ މަންސޫރާއި ދިފާޢީ ވަޒީރު އަދި ސިފައިންގެ ވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ އާއި ނައިބު ރައީސް ޑރ. މުޙައްމަދުލްބަރާދްޢީ އާ ބައްދަލުކުރެއްވުމުގެ ތެރޭގައި ކަމަށް ކެޓްރިން ވަނީ ވިދާޅުވެފަ އެވެ.

ކެޓްރިން ވިދާޅުވީ މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީއާ ވެސް ބައްދަލުކުރައްވަން އޭނާ ބޭނުންވި ކަމަށާ ނަމަވެސް އެފުރްސަތު ނުލިބުނުކަމުގަ އެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި މިސްރުގެ ވެރިކަން ޑިމޮކްރަޓިކް ވެރިކަމަށް ބަދަލުކުރުމަށް މިސްރުގެ ވެރިންނަށް ބާރުއެޅުއްވުން ކަމަށާއި ހުރިހާ ޖަމާޢަތްތަކަކާއި ޕާޓީތަކެއް ޝާމިލުވާ ގޮތަށް މިޞްރުގެ ސިޔާސީ މަސްރަޙް ބައްޓަންކުރުމުގެ މުހިއްމުކަމާބެހޭ ގޮތުން މިސްރުގެ އައު ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށްކެޓްރިން ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)