މެންދަމުގެ ވަގުތެއްގައި ދަރިފުޅުގެ ބުއްފުޅީގެ ތުން ފަޅައިގެން ހިނގައްޖެ އެވެ. ބުއްފުޅީގެ ތުނބުގައި ދަރިފުޅު މާ ބާރަށް ދަތް އެޅީ އެވެ. ތައްޓަކަށް އަޅާފައި ދިނުމުން ބޯނެ ޚިޔާލެއް ނުކުރި އެވެ. އިރުކޮޅަކުން ރޯން ވެސް ފަށައިފި އެވެ. އެކަމަކު އެ ދަންވަރު ބުއްފުޅީގެ ތުމެއް ހޯދަން ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ ރޭގަނޑު އެގާރައިގެ ފަހުން ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރުމަކީ މި ރާއްޖޭގައި މަނާ ކަމެކެވެ. އެހެން ވީމާ އެކަން ކޮށްފި ބަޔަކު ކުށްވެރި ވާނެ އެވެ. ދަރިފުޅު ހުއްޓައެއް ނުލި އެވެ. ރޮއިރޮއި ހިނދުނީ އެވެ. އިތުރަށް ރޯނެ ހިތްވަރު ނެތުނީމަ އެވެ. މިކަހަލަ ކިތައް ހާދިސާ ކިތައް މީހުންނަށް ދިމާވާނެ ބާވައެވެ؟ ރޭގަނޑުގެ ވަގުތުގައި ކުއްލި އަކަށް އެއްޗެއް ގަނެލަން ބޭނުންވާ ބައިވަރު މީހުން އުޅޭނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި 24 ގަޑިއިރު ޚިދުމަތް ލިބޭ ސުޕަމާކެޓް ފަދަ ތަންތަން ހުރެ އެވެ. އެ ތަންތަން ރައްޔިތު އެންމެންނަށް އެނގޭނެ އެވެ. ރައްޔިތުން ޚިދުމަތުން މަޙުރޫމު ވާކަށް ނުޖެހޭނެ އެވެ. މުހިންމު އެއްޗެއް ގަނެލަން ޖެހިއްޖެ ނަމަ އެ އެއްޗެއް ގަނެވޭނެ އެވެ. ރާއްޖޭގައި ވެސް ރޭގަނޑު އެގާރައިގެ ފަހުން ވިޔަފާރީގެ ޚިދުމަތް ދޭން ބޭނުން ފަރާތަކަށް އެ ހުއްދަ ނުދޭންވީ ސަބަބެއް ނެތެވެ. ހުއްދަ ދީގެން ވާނެ ގެއްލުމެއް ވެސް ނެތެވެ. އެކަމަކު ރައްޔިތު މީހާ އަށް ވާނެ ފަސޭހަ އާއި ފައިދާ ބޮޑު ވާނެ އެވެ. މިހާރު މި ދެވެނީ ފުލް ޚިދުމަތެއް ނޫނެވެ. އެޔަށް އަޅުގަނޑު ކިޔާނީ ދެބައިކުޅަ އެއްބައި ޚިދުމަތެވެ.


ކާރުގެ ރަޖިސްޓްރީ ހައްދައިލުމަށް ޓްރާންސްޕޯޓު އޮތޯރިޓީ އަށް ގޮސްފީމެވެ. ރަޖިސްޓްރީގައި ޖަހަން 40 ރުފިޔާގެ ރެވެނިޔު ސްޓޭމްޕެއް ބޭނުންވެ އެވެ. އެ ސްޓޭމްޕް ޓްރާންސްޕޯޓު އޮތޯރިޓީގައި ވިއްކާކަށް ނުހުރެ އެވެ. ގަންނަން ދާން ޖެހެނީ ޕޯސްޓް އޮފީހަށެވެ. ނުވަތަ ފިނޭންސް މިނިސްޓްރީ އަށެވެ. ސަރުކާރުގެ އޮފީސްތަކުން ދޭ މި ފަދަ ބައެއް ޚިދުމަތްތަކާ ގުޅިގެން ރެވެނިޔު ސްޓޭމްޕް ހުށަހަޅަން ޖެހެ އެވެ. އެކަމަކު އެއިން އެއްވެސް ތަނެއްގައި އެ ސްޓޭމްޕް ލިބޭކަށް ނުހުރެ އެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟ މީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތެއް ނޫނެވެ. ޓްރާންސްޕޯޓު އޮތޯރިޓީން ދޭ ޚިދުމަތްތަކާ ގުޅިގެން ގަންނަން ޖެހޭ ރެވެނިޔު ސްޓޭމްޕް އެ ތަނުން ގަންނަން ލިބެން ވާނެ އެވެ. އެ ސްޓޭމް ގަންނަން އެހެން ތަނަކަށް ދާން ޖެހުން އެއީ ވަރަށް ނާ ތަހުޒީބު ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. އެ ގޮތް މި ޒަމާނަކާ ނުގުޅެ އެވެ. ތަނުގައި އެންމެ މި ޒަމާނުގެ ކޮމްޕިއުޓަރުތައް އެބަ ހުއްޓެވެ. އެހެނިހެން ވަސީލަތްތަކާ އެކު މި ޒަމާނުގެ ކުދިން ވެސް އެބަ ތިއްބެވެ. އެކަމަކު ޚިދުމަތް މި ޒަމާނަށް ނުފެތޭ ނަމަ އޭގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ މި ދެވެނީ އަދި ފުލް ޚިދުމަތެއް ނޫނެވެ. މިޔަށް ކިޔާނީ ދެބައިކުޅަ އެއްބައި ޚިދުމަތެވެ.


"ސަން" މަޖައްލާ ރަޖިސްޓްރީ ކުރުމަށް ޓަކައި އިންފޮމޭޝަން ޑިޕާޓްމަންޓުން ފޯމު ސެޓެއް ނަގައިފީމެވެ. އޭގެ ތެރޭގައި ކުށުގެ ރެކޯޑު ސާފު ކުރާ ދެ ފޯމު އޮތެވެ. މަޖައްލާއެއްގެ އެޑިޓަރަކަށް ވާން ހުށަހަޅާ މީހާގެ ކުށުގެ ރެކޯޑް އިންފޮރމޭޝަނަށް އެނގެން ވާނެ އެވެ. ނެނގޭ ނަމަ ބަލަން ވެސް ޖެހޭނެ އެވެ. އެކަމަކު އެކަން ބަލަން އޮންނަ ބޯދާ ސިސްޓަމް އަޅުގަނޑަށް ކަމަކު ނުދެ އެވެ. އެ ފޯމު ސެޓު ހިފައިގެން އަޅުގަނޑަށް ޖެހެނީ ކޯޓު ތަކަށާ ފުލުސް އޮފީސް ފަދަ ތަންތަނަށް ހިނގާށެވެ. އެ ފޯމުގައި ހުންނަ ތަންތަނުން ތައްގަނޑު ޖައްސުވައި ސޮއި ހޯދުމަށެވެ. ސިސްޓަމް އޮންނަ ގޮތުން އެއިން ކޮންމެ ތަނަކަށް ވެސް ޢާންމު ގޮތެއްގައި ދެ ފަހަރަށް ދާން ޖެހޭނެ އެވެ. ކިހާ އުނދަގޫ ބޮޑު ހެއްޔެވެ؟ އެކި ކަންކަމާ ގުޅިގެން ކުށުގެ ރެކޯޑު އަބަދުވެސް މި އޮންނަނީ ސާފު ކުރަން ޖެހިފަ އެވެ. އެއްޗެއް ރަޖިސްޓްރީ ކުރަން ޖެހުނަސް، ސަރުކާރުގެ ވަޒީފާ އަކަށް ވަނަސް އަދި މި ނޫނަސް މި ފަދަ ވަރަށް ގިނަ ކަންކަމާ ގުޅިގެން ކުށުގެ ރެކޯޑު ސާފު ކުރުމުގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަވަދިނެތި އުޅެ އެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކުށުގެ ރެކޯޑު ބެލޭނެ މިއަށްވުރެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭނެ އެވެ. އަދި ކުށުގެ ރެކޯޑު ސާފު ކުރުމަށް އެ ފޯމު ސެޓު ހިފައިގެން އަޅުގަނޑު ހިންގުވައިގެން ނުވާނެ އެވެ. އެ ކަން ކުރަން ވާނީ ސަރުކާރުގެ އިދާރާ ތަކުގެ މުވައްޒަފުންނެވެ. އެއްގޮތަކީ އިންފޮމޭޝަނުން އެ ތަންތަނަށް ގުޅައިގެން އެ މަޢުލޫމާތު ލިޔުމުން ހޯދުމެވެ. އެއީ ވަގުތު ނަގާނެ ގޮތެކެވެ. އެންމެ ފަސޭހަ ގޮތަކީ މި ކަން ބެލޭނެ ޒަމާނީ ނިޒާމެއް ގާއިމު ކުރުމެވެ. އޭރުން ވާނެ ގޮތަކީ ސަރުކާރުގެ އިދާރާ ތަކުގައި އެ ހުންނަ ނެޓު ވޯކަށް އެކި ލެވެލް ގައި އެކްސެސް އޮންނަ މުވައްޒަފުން ތިބޭނެ އެވެ. އަޅުގަނޑުގެ ނަމާ އައިޑީ ނަންބަރު ހަމަ އެންޓަރ ކޮށްލާ އިރަށް އަޅުގަނޑު ހުރިއްޔާ ހުރި ކުށުގެ ރެކޯޑެއް ފެންނާނެ އެވެ. މިހާރު މި އޮންނަ މުސްކުޅި ސިސްޓަމުގެ ތެރެއިން އަޅުގަނޑަށް ލިބުނީ ކުށުގެ ރެކޯޑު ސާފު ކުރުމުގެ ފުލް ޚިދުމަތެއް ނޫނެވެ. އެއީ ދެބައިކުޅަ އެއްބައި ޚިދުމަތެކެވެ.


އަޅުގަނޑު ކުރީން އެކި ނޫސް ތަކަށް ލިޔެފައި ހުރި ރިޕޯޓު ތަކެއްގެ ބޭނުމުގައި ރާއްޖޭގެ ކުރީގެ ގައުމީ ކުތުބުޚާނާ އަށް ދިޔައީމެވެ. މަޖީދީ މަގުގައި ހުންނަ އެ އިމާރާތުގެ ހައިބަތު ބޮޑެވެ. އިމާރާތް ބަލައިލާން ވަރަށް ރީއްޗެވެ. އިމާރާތުގެ އެތެރެ ވެސް ނުލާހިކު ފުރިހަމަ އެވެ. އެ ފުރިހަމަ ކަމާ އެއްވަރުގެ ޚިދުމަތެއް ލިބޭނެ ކަމުގެ ޔަގީންކަން އޮތެވެ. އެކަމަކު އަޅުގަނޑަށް ލިބުނީ ސުމެއްގެ ޚިދުމަތެކެވެ. ބޭނުންވި އެއް ކަމެއްވެސް ނުވި އެވެ. އަޅުގަނޑު ބޭނުންވީ އަހަރުތަކެއް ކުރީގެ ދުވަހު ނޫހެއްގައި އަޅުގަނޑު ލިޔެފައި ހުރި ރިޕޯޓު ތަކެއް ނަގާށެވެ. އަޅުގަނޑަށް އެހީތެރިވާން ހުރި މުވައްޒަފު ދެއްކީ ބައިންޑް ކޮށްފައި ހުރި ދުވަހު ނޫސް ތަކެކެވެ. އެތައް މަސައްކަތަކުން އަޅުގަނޑު ބޭނުންވާ ބައެއް ލިޔުންތައް ހޯދީމެވެ. އަދި އޭގެން ކޮޕީ ހައްދައިދިނުމަށް އެދުނީމެވެ. އެންމެ ފޫހިވީ އެހާ ހިސާބުންނެވެ. އެކަން ވާނެ ގޮތެއް ނެތެވެ. ދުވަހު ނޫސްތައް ބައިންޑް ކޮށްފައި ހުންނަނީ އެއް މަސް ދުވަހުގެ ނޫސް އެއްކޮށްފައި ބޮޑު ސިންގާ ބޯ ފޮތެއްގެ ސިފައިގަ އެވެ. އެހެން އޮތުމުން ފޮޓޯ ކޮޕީ މެޝިނުގެ މަތީގައި ބޭއްވުމުން އެ ފޮތުގެ މެދު ޖެހޭ ވަރަށް އެ ފޮތް ހުޅުވޭނެ ގޮތެއް ނޯވެ އެވެ. ކޮޕީ ނެގުމުން އަރަނީ މެޝިނުގައި ޖެހޭ ހިސާބެވެ. ބޭނުންވާ ލިޔުންތައް އެއްކޮށް ކޮޕީ ހައްދާ ނަމަ ޖެހޭނީ އެ ލިޔުންތައް ހުރި ގަނޑުތައް އެ ފޮތުން ވަކި ކުރާށެވެ. މަދު އެތިކޮޅެއް ނަމަ ނޯޓު ކޮށްލައިގެން އާދެވިވެސް ދާނެ އެވެ. އެކަމަކު މިހާރު ބޭނުން ވެގެން މި އުޅެނީ ގިނަ އަދަދެއްގެ ސޮފުހާ ތަކެކެވެ. އެންމެ ފަހުން ޖެހުނީ އެތައް ދުވަހަކު އެ ތަނަށް ގޮސްގެން އެ ހުރިހާ އެއްޗެއް ލިޔާށެވެ. އެ ނޫން ގޮތެއް ނެތެވެ. ބޭނުން ނަމަ ޖެހޭނީ ވާން އޮތް ގޮތަކަށް ކުރާށެވެ. ރާއްޖެ މީ މި ސަރަހައްދުގައި ޓެކްނޮލޮޖީގެ ގޮތުން އެންމެ ބޮޑަށް ކުރި އަރާފައިވާ އެއް ގައުމެވެ. މިހާ ކަޓު ސިސްޓަމަކަށް ގައުމީ ކުތުބުޚާނާގެ ރިފަރެންސް ސިސްޓަމް އޮތުމަކީ މި ރާއްޖެއާ ގުޅޭ ކަމެއް ނޫނެވެ. ދުނިޔޭގެ ބައެއް ގައުމު ތަކުގައި މީގެ ވަރަށް ފަސޭހަ ނިޒާމުތައް ފެންނާން އެބަ ހުއްޓެވެ. ކުތުބުޚާނާގައި ފޮތް ތަކުގެ ހާޑް ކޮޕީ ހުރެ އެވެ. އެއީ އެއް ނިޒާމެވެ. އަނެއް ނިޒާމަކީ ސޮފްޓް ކޮޕީ ބަލައިލެވޭ ނިޒާމެކެވެ. މިސާލަކަށް އަޅުގަނޑު ބޭނުންވަނީ 1975 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނޫހެއްގައި އޮތް ލިޔުމެއް ކަމަށް ވާނަމަ އެއީ ވަރަށް ފަސޭހަ ކަމެކެވެ. އަޅުގަނޑަށް އެ މަޢުލޫމާތު ކުތުބުޚާނާގައި ހުންނަ ކޮމްޕިއުޓަރު ސިސްޓަމްތައް މެދުވެރިކޮށް ލިބޭނެ އެވެ. އަޅުގަނޑު ޖެހޭނީ ބޭނުންވާ ނޫހުގެ ނަމާއި އަޅުގަނޑު ބަލަން ބޭނުންވަނީ ވަކި ދުވަހެއްގެ ޢަދަދެއް ނަމަ އެ ދުވަހުގެ ތާރީޚު ޖަހާލާށެވެ. ބޭނުންވި މަޢުލޫމާތު ހުންނާނީ އަތްފޯރާ ފަށުގަ އެވެ. ވަކި ލިޔުންތެރިއެއްގެ ލިޔުންތައް ވެސް ސާޗް ކޮށްލެވި ދާނެ އެވެ. ވަކި ދާއިރާއެއްގެ ލިޔުންތައް ވެސް ހޯދިދާނެ އެވެ. ވަރަށް ފަސޭހަ އެވެ. އެ މީހުން ހުންނަނީ ކޮންމެ ދުވަހެއްގެ ނޫސް އެއްކޮށް ސްކޭން ކުރުމަށް ފަހު ކޮމްޕިއުޓަރުގައި ރައްކާ ކޮށްފަ އެވެ. ފުރަތަމަ ސޮފުހާއިން ފެށިގެން ފަހު ސޮފުހާ ހަމައަށް ބަލައި ލެވެ އެވެ. މުޅި މަސައްކަތަށް ބޭނުންވަނީ ދިހަ ވަރަކަށް މިނެޓެވެ. މީ ރާއްޖޭގެ ކުތުބުޚާނާގައި ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެއްކަލަ ބޮޑު ފޮތްބޮނޑި ނު އުފުލިގެން އުޅޭކަށް ނުޖެހޭނެ އެވެ. ޚިދުމަތާ މެދު ފޫހި ވެގެން މި ޝަކުވާތައް ކުރާކަށް ވެސް ނުޖެހޭނެ އެވެ. އެކަމަކު މިހާރު މި އޮންނަ ގޮތުން ކުތުބުޚާނާގައި އަޅުގަނޑު ހޭދަ ކުރަން ޖެހުނު ވަގުތަށް ބަލާ އިރު މި ކަމުގައި ދެބައިކުޅަ އެއްބައި ޚިދުމަތް ވެސް ލިބުނު ކަމަށް އަޅުގަނޑަކަށް ނުބުނެވޭނެ އެވެ.


ގޭގެ ފެން ބިލަށް މަހަކު ދެ ހާސް ރުފިޔާ އަށް ވުރެ ބޮޑު ޢަދަދެއް ކޮންމެ މަހަކު ވެސް އަރަ އެވެ. ފެނަކީ އަސާސީ ޚިދުމަތެކެވެ. އެ ޚިދުމަތް ދެނީ ވެސް އެ ގިންތީގަ އެވެ. އަސާސީ ޚިދުމަތެއްގެ ގޮތުގަ އެވެ. އެކަމަކު ކޮންމެ އަހަރެއް ނިމިގެން ނުކުންނަ ފެން ކުންފުނީގެ އަހަރީ ރިޕޯޓު ކިޔައިލުމުން ރުޅި ގަދަވެ އެވެ. އެތައް މިލިއަން ރުފިޔާއެއްގެ ފައިދާއެއް ވާ ވާހަކަ އޮންނާތީ އެވެ.  އެހާ ބޮޑު ފައިދާއެއް ވާ އިރު، އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެއްވާ ފެންފޮދު އަގު ބޮޑު ވެގެން ވޭނަކަށް ވެފައިވާ ރައްޔިތުންގެ އަދަދު ހާހުން ގުނާލެވެ އެވެ. ދަންނަވަން މި އުޅެނީ ފެން ކުންފުނި ގެއްލުމުގައި ހިންގާށެކޭ ނޫނެވެ. އެކަމަކު އަސާސީ ޚިދުމަތެއް ދޭ ކުންފުންޏަކުން އަހަރު ނިމޭ އިރު އެތައް މިލިއަން ރުފިޔާއެއް ފައިދާ ވެޔޭ ބުނެ ރިޕޯޓެއް ނެރުމަކީ މެޑަލް ޖަހަން ޖެހޭ ކަމެއް ނޫނެވެ. އެއީ ލަދުވެތި ކަމެކެވެ. އޭގެން ދައްކުވައިދެނީ ފެނުގެ އަގު އެތައް ގުނައެއް ހެޔޮ ކުރެވިދާނެ ކަމެވެ. މިހާރު މި އޮތް ގޮތުން ބޯން ބޭނުންވާ ފެން ފޮދުގެ ޚިދުމަތް މި ލިބެނީ ލިބެންވާ އަގަށް ވުރެ އެތައް ގުނައެއް ބޮޑު ކޮށެވެ. އާދެ، މީ އެއް ގޮތަކަށް ބުނާ ނަމަ ޚިދުމަތުގެ ދެބައިކުޅަ އެއްބައެވެ.


އަސާސީ ޚިދުމަތް ތަކަށް ފަސޭހަ ނިޒާމުތައް ހޯދައި ދިރާސާ ކުރާން ޖެހެ އެވެ. އަދި އެ ނިޒާމުތައް ތަންފީޒު ކުރާން ޖެހެ އެވެ. އަގުގެ ގޮތުން ބަލާ އިރު ދެވެން އޮތް އެންމެ ހެޔޮ އަގެއްގައި އެ ޚިދުމަތްތައް ރައްޔިތު މީހާ އާއި ހަމައަށް ފޯރުކޮށްދޭން ޖެހެ އެވެ. އެ ޚިދުމަތާ މެދު ރައްޔިތު މީހާ އުފާ ވާން ޖެހެ އެވެ. ހިތްހަމަ ޖެހެން ޖެހެ އެވެ. އަތް ފޯރާ ފަށަށް ޚިދުމަތްތައް އައީ ކަމަށް ވާނީ އޭރުންނެވެ. މިހާރު މި އޮންނަ ގޮތުން ފުރިހަމަ ޚިދުމަތެއް ނެތެވެ. މުޅީން ވެސް ހުރީ ޚިދުމަތުގެ ދެބައިކުޅަ އެއް ބައެވެ.