ކ. ކުޑަބަނޑޮސް ތަރައްގީކުރަނީ މިހާރެކޭ އެއްގޮތަށް ދިވެހިންނަށް ދަތުރު ދެވޭ ގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޑަބޮނޑޮސް ތަރައްގީކުރަން ނިންމާފައި ވަނީ ސަރުކާރާ ގުޅިގެން އުފައްދާ ޖޮއިންޓްވެންޗާ ކުންފުންޏެއްގެ ދަށުން ކަމަށެވެ. އަދި އެ ރަށް ތަރައްގީކުރާއިރު އެތަނުގައި ޓޫރިސްޓު ފެސިލިޓީތަކެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ދެ އަހަރުން ދެ އަހަރުން އެތަނުގެ އެއްބަސްވުން އާކުރާކަށް. މިހާރު އެތަން ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ ޓޫރިޒަމް ގާނޫނުގެ ތެރެއިން. އޭރުން އެތަނުން ކުލި ދައްކާނީ ރިސޯޓުތަކުން ކުލި ދައްކާ އުސޫލުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަބަނޑޮސް ތަރައްގީކުރާ އިރު އެތަނަށް ދިވެހިންނަށް އެއްވެސް ހުރަހެއް ނެތި މިހާރު ވެސް އޮންނަ އުސޫލުން ދަތުރު ދެވޭނެ އިންތިޒާމު އޮންނާނެ ކަމަށެވެ.

"އެތަން ތަރައްގީކުރުމުން ސަފާރީ ބޯޓު ފަހަރުގެ މީހުންނަށް ޓޫރިސްޓުން ގޮވައިގެން ދަތުރު ދެވޭނެ. އަދި އެތަން ތަރައްގީކުރަނީ އެ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނަ ގޮތަށް. އޭގެ އިތުރުން ޓޫރިސްޓް ފެސިލިޓީ ގާއިމު ކުރަނީ އެތަނަށް އަންނަ ޓޫރިސްޓުންނަށް ފަސޭހައަކަށް،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަބޮނޑޮހުގައި ޓޫރިސްޓް ފެސިލިޓީތަކެއް ގާއިމުކުރަނީ އެތަނުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް އެތަނުން ލިބޭ ހިދުމަތުގެ ފެންވަރުމަތިކުރުމަށް ކަމަށެވެ.

ކުޑަބަނޑޮސް ކުރިން ވެސް ގެންގުޅުއްވި މިހާރުގެ ނައިބު ރައީސް ހ. ޑީންސްވިލާ މުހައްމަދު ވަހީދުއްދީން (ޑީން)، އަށް ޓޫރިޒަމް މިނިސްޓްރީން ނޮވެމްބަރު 16ގައި ކުއްޔަށް ދިނީ، އެރަށް ބީލަމަށް ލުމުން ކުރިން އެރަށް ނަންގަވައިގެން އުޅުއްވި އަގަށް ވުރެ ވަރަށް ބޮޑުތަން ބޮޑު އަގެއް ހުށަހަޅުއްވާ، ބީލަން ކާމިޔާބު ކުރައްވައިގެންނެވެ. އެރަށުގެ ބީލަމުގައި އެ ފަހަރު ބައިވެރިވެވަޑައިގެންފައި ވަނީ ވެސް ޑީން އެކަންޏެވެ.

ޑީން އަށް ދެވަނަ ފަހަރު ކުއްޔަށް ދިނުމުގެ ކުރިން އެރަށް ދޫކޮށްފައި އޮތީ އަހަރަކު 6،000 ޑޮލަރަށެވެ. ކުޑަބަނޑޮސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޑީން ދެވަނަ ފަހަރަށް ކުއްޔަށް ހިފީ އެވްރެޖްކޮށް އަހަރަކަށް 180،582 ޑޮލަރު ޖެހޭ ކުއްޔެއް ހުށަހަޅުއްވައިގެންނެވެ.