ކޯޓުތަކަކީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގާއިމް ކޮށްފައި ހުންނަ ތަންތަނެކެވެ. ރާއްޖޭގެ ބައެއް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ގިނަވެފައި އަދި ކޯޓުގައި އެކަށީގެންވާ ވަރަށް ޖާގަ ނެތުމުން މައްސަލަތައް ދިގުލައިގެންދާ ކަމަށް ކޯޓުތަކުން ބުނެ އެވެ. ނަމަވެސް ރާއްޖޭގެ ސުޕްރީމް ކޯޓަކީ އެހެން ކޯޓުތަކާ އަޅާބަލާއިރު އެންމެ މަދުން މައްސަލަ ހުށަހެޅޭ ކޯޓެވެ. އެ ކޯޓަކީ އެކަށީގެންވާ ވަރަށް ޖާގަ ވެސް ހުރި ތަނެވެ. ނަމަވެސް އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވަމުންދާ ކަމަށް ވަނީ ފާގަކުރެވިފަ އެވެ.

ސުޕްރީމް ކޯޓަކީ ގާނޫނު މާނަކުރުމުގެ ބާރު ލިބިފައިވާ ކޯޓަކަށްވާތީ އެ ކޯޓަށް ވަނީ އެފަދަ މައްސަލަތަކެއް ހުށަހެޅިފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެފަދަ މައްސަލަތަކުގެ ތެރޭގައި 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ މާއްދާ ބާތިލު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ވެސް ހިމެނެ އެވެ. ހަމައެއާ އެކު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް ވެސް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިމްތިޔާޒުގެ ގާނޫނުގެ މައްސަލަ އެ ކޯޓަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ބާއްވަން ޖެހޭ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިމިފައިވާތާ އެތަކެއް މަސް ދުވަސް ފާއިތުވެގެންދާ އިރު އެ މައްސަލަތަކުގެ ހުކުމެއް ނުކުރެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އެކުލެވިފައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ވަނީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު ސުވާލު އުފެދިފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ގައުމީ އިއްތިހާދު ޕާޓީގައި 10،000 މެންބަރުން ހަމަނުވާތީ އެ ޕާޓީގެ ޓިކެޓުގައި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފަ އެވެ.

ގައުމީ އިއްތިހާދު ޕާޓީގެ ޓިކެޓުގައި ރައީސްކަމަށް ކުރިމަތިލެއްވުމުގެ އަޒުމްގައި މިހާތަނަށް ކެމްޕޭން ކުރައްވަމުން ގެންދެވި ރައީސް ވަހީދަށް އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ކަންތައް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވަނީ ސުޕްރީމް ކޯޓުގެ ސަބަބުންނެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާ ބައެއް ޕާޓީތަކުން ވެސް އެ ޕާޓީތައް ކުރިއަރުވަން ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެއީ ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުން ބާރު ލިބިގެނެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމާގޮތަކުން އެފަދަ ޕާޓީތަކުން ކުރި މަސައްކަތްތައް ވަގުތީ ކަމަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެންކަމުން ގިނަ ދުވަސްތަކަށް މައްސަލަ ދިގުނުދަންމައި އަވަހަށް ނިންމުމަކީ ސުޕްރީމް ކޯޓުގެ ބޮލުގައި އެޅިފައިވާ ގާނޫނީ ޒިންމާ އެކެވެ.

ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބު ބޯމަތިވެ ފޯރިއާ އެކު ކެންޕޭން ކުރަމުން ގެންދާ މިދަނޑިވަޅުގައި އިންތިޚާބާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާ މައްސަލަތައް ލަސްނުކޮށް ނިންމުމަކީ ސުޕްރީމް ކޯޓުން ކުރަންޖެހޭނެ ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް ނުނިންމާ ގިނަ ދުވަސް ކުރުމަކީ ސުޕްރީމް ކޯޓުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރާކަން ދޭހަވާ ކަމެކެވެ.

"އިންތިޚާބާ ގުޅިގެން ސުވާލު އުފެދިފައިވާ މައްސަލަތައް ސުޕްރީމް ކޯޓުން ޖެހޭނެ އަވަހަށް ނިންމަން. އިންތިޚާބާ ސީދާ ގުޅުން ހުރި މައްސަލައެއް ނުނިންމާ އޮތުމަކީ ސުޕްރީމް ކޯޓުގެ ޒިންމާ އަދާނުކުރެވޭކަން ދޭހަވާކަމެއް،" އަހްމަދު ވިދާޅުވި އެވެ.

އިމްތިޔާޒުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލް ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އެ ގާނޫނު އެކުލަވާލެވިފައިވާ ގޮތުން ތަހުގީގީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެވެ.

އިމްތިޔާޒުގެ ގާނޫނު މިހާރު އެކުލެވިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

އިމްތިޔާޒު ގާނޫނުގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މެންބަރަކު ހައްޔަރު ކޮށްފައި ވަނިކޮށް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކުރަން ޖެހެ އެވެ. އެހެންކަމުން އެކަމުގެ ސަބަބުން މަޖިލީހުގެ ގޯތިތެރޭގައި ހުރެ މީސްމީހުންނާއި ބައްދަލުކޮށް މީހުންނަށް ފޯނުކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބޭތީ ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު މެންބަރުންނަށް ލިބިފައިވާ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.

އެ މައްސަލައިގެ އިތުރުން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ވެސް އިމްތިޔާޒު ގާނޫނުގައި މާއްދާތައް އެކުލަވާލާފައި ވާތީ އެ މާއްތައް މާނަކޮށްދިނުމަށް ވެސް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑީގެ ސައްހަ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމަށް ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ހަމައެކަނި ކޯޓަކީ ސުޕްރީމް ކޯޓެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ މެންބަރު ކަމުގެ ސައްހަ ކަމާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް އާންމު ފަރާތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ އެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުމެއް ނިންމާފައި އޮންނަތާ އެތަކެއް ދުވަސް ވެފައިވާއިރު އަދިވެސް ހުކުމް އިއްވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގައި މައްސަލަތައް ނުނިންމާ ދިގު ދެންމުމުގެ ސަބަބުން އެތައް ރައްޔިތުންގެ ހައްގުތަކަށް ހުރަސްއެޅެމުންދާތީ އެކަމަށް ވެސް ހައްލެއް ހޯދަން ޖެހެ އެވެ. އެ ކޯޓާ ބެހޭ ގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކައިފި ނަމަ އެ މީހެއްގެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކުން ތަހުގީގު ކުރަން ފަށައިފަ އެވެ. ގާނޫނީ ވަކީލަކު އެ ކޯޓާ ބެހޭ ގޮތުން ދައްކާ ވާހަކަ އެއްގެ ސަބަބުން ކޯޓުތަކުގެ ގާނޫނާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެ ގާނޫނީ ވަކީލަކު ސަސްޕެންޑުކުރަމުން ގެންދާއިރު ސުޕްރީމް ކޯޓުން މައްސަލަތައް ލަސްކުރާ މައްސަލައާ މެދު ފިޔަވަޅެއް އެޅޭނެ އެއްވެސް ގޮތެއް ނެތެވެ.

ސުޕްރީމް ކޯޓްގެ އިތުރަށް އިމްތިހާބާ ބެހޭ އެ ނޫން މައްސަލަތައް ވެސް ކޯޓްތަކުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށް ނިޒާމުން ގެއްލުވާލި މައްސަލާގައި ނަޝީގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ވެސް ހިމެނެ އެވެ. ސުވާލަކީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި އެ މަނިކުފާނަށް ޕްރޮސަސްގެ މެދުތެރެއިން ގޮތެއް ނިންމައިފި ނަމަ ދެން ވާނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. އަނެއްކާ ވެސް ރައްޔިތުން މަގުމަތިވާނީތޯ އެވެ؟

ކޯޓްތަކީ ވެސް ރައްޔިތުންގެ ފައިސާ އިން ހިންގާ ރައްޔިތުންނަށް ހިދުމަތް ކުރަން ހުންނަ ތަންތަނެވެ. އެ ތަންތަނުގެ މަސައްކަތް އަވަސްކޮށް މީހުންގެ ހައްގުތައް ހިމާޔަތްކޮށްދެން ޖެހެ އެވެ. އެހެނީ ޝަރީއަތް ލަސް ވުމަކީ އިންސާފު ނުލިބުމެވެ.