17 Jul 2013, 23:55
ޑާކާ (ޖުލައި 17): ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީކަމަށްވާ ޖަމާޢަތޭ އިސްލާމްގެ ދެވަނަ ލީޑަރު ޢަލީ އަޙްސަން މުޙައްމަދު މުޖާހިދު (ފޮޓޯ) މެރުމަށް ބަންގްލަދޭޝް އިން އުފައްދާފައިވާ ޚާއްސަ ކޯޓެއް ކަމަށްވާ "އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޯރ ވާރ ކްރައިމްސް" އިން ޙުކުމްކޮށްފި އެވެ.
ޢަލީ އަޙްސަން މުޙައްމަދު މުޖާހިދަކީ ޖަމާޢަތޭ އިސްލާމްގެ ދެވަނައަށް އެންމެ އިސްލީޑަރުގެ އިތުރުން އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެވެ. މުޖާހިދު މެރުމަށް ޙުކުމްކޮށްފައި މިވަނީ، 1971 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ގައުމީ ހަނގުރާމާގައި، މިނިވަންކަމަށް މަސައްކަތްކުރި ފަރާތްތައް މެރުމާއި އެމީހުން ވަގަށްނެގުމާއި އެމީހުންގެ އަނބިދަރިން ރޭޕްކުރުން ފަދަ އިންސާނިއްޔަތާ ޚިލާފުޖަރީމާތައް ޕާކިސްތާން ސިފައިންނާ ގުޅިގެން ހިންގާފައިވާކަން ސާބިތުވެގެން ކަމަށް އެކޯޓުން އިއްވި ހުކުމްގައި ބުނެފައިވެ އެވެ.
ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު ޢަލީ އަޙްސަން މުޙައްމަދު މުޖާހިދަކީ ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަންކުރުމަށް މަސައްކަތްކުރުމަކީ ދީނީގޮތުން ޙަރާމްކަމެއް ކަމަށް އަޑުފަތުރައި ޕާކިސްތާން ސިފައިންނާ ގުޅިގެން ހަތިޔާރުއެޅި މިލީޝިޔާއެއް ހަދައިގެން މިނިވަންކަމަށް މަސައްކަތްކުރި އަމިއްލަ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް މީހުން މެރުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގުމުގައި ޙަރަކާތްތެރިވި އެދުވަސްވަރުގެ ޒުވާނެއް ކަމަށް ޚަބަރު ލިބެ އެވެ.
ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީކަމަށްވާ ޖަމާޢަތޭ އިސްލާމްގެ އެންމެ އިސްލީޑަރު ކަމަށްވާ އެޖަމާއަތުގެ ރޫޙީ ލީޑަރުގުލާމް ޢަޒަމްގެ މައްޗަށް ވެސް ވަނީ ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމާގައި، މިނިވަންކަމަށް މަސައްކަތްކުރި އޭނާގެ ގައުމުގެ ރައްޔިތުން މެރުމާއި މީހުން ވަގަށްނެގުމާއި އަނިޔާކުރުމާއި ރޭޕްކުރުމާއި ތަންތަނުގައި ހުޅުޖެހުންފަދަ ޖަރީމާތައް ޕާކިސްތާން ސިފައިންނާ ގުޅިގެން ހިންގި ކަމުގެ ކުށުގައި 90 އަހަރަށް ޖަލަށްލުމުގެ ޙުކުމެއް އިއްވާފައެވެ. ޖަމާޢަތޭ އިސްލާމް އިންވަނީ މިދެބޭފުޅުންގެ މައްޗަށް ވެސް އިއްވާފައި ވަނީ ސިޔާސީ ޙުކުމް ތަކެއް ކަމަށް ސިފަކޮށްފަ އެވެ.
މިނިވަންކަމުގެ ހަނގުރާމައިގާ އެންމެފަހުން ޕާކިސްތާން ބަލިވެ ބަންގްލަދޭޝްގެ ރައްޔިތުންނަށް މިނިވަންކަން ލިބުމުން ޕާކިސްތާނުގެ އެޖެންޓުންގެ ގޮތުގައާއި ގައުމަށް ޣައްދާރުވި ޚާއިނުންގެ ގޮތުގައި ސިފަކުރެވުނު މިދެބޭފުޅުން ވެސް ވަނީ ފިއްލަވާފަ އެވެ. ފިއްލަވައިގެން އުޅުއްވުމަށް ފަހު މި ދެ ބޭފުޅުން އާންމުންގެ ތެރެއިން ފެނުނީ ބަންގްލަދޭޝްގެ ރައީސެއް ކަމަށްވާ ޖެނެރަލް ޟިޔާއުއްރަޙްމާންގެ ވެރިކަމުގައެވެ. ޖެނެރަލް ޟިޔާއުއްރަޙްމާނަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރާ ޚާލިދާ ޟިޔާގެ ފިރިކަލުންނެވެ.
1971 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ގައުމީ ހަނގުރާމާގައި ޕާކިސްތާން ސިފައިން ވަނީ ބަންގްލަދޭޝްގެ އެތައް ލައްކަ އަންހެނުންނެއް ރޭޕްކޮށް މިލިޔަނަކަށް ވުރެ ބަންގްލަދޭޝްގެ ރައްޔިތުން މަރައި ބަންގްލަދޭޝްގެ ތަންތަން ލޫޓުވައި މާއްދީގޮތުން ވެސް އެގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. (ނޫސް އެޖެންސީތައް)