ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ ތަފްސީލް އޮފިޝަލް ނުދެއްވަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން ވެސް ވަނީ އުމުރުން 31 އަހަރުގެ މީހަކު އެރަށުން ހައްޔަރުކޮށްފަ އެވެ. އެމީހާގެ ބަންދަށް ކޯޓުން ވަނީ ރޭ 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ނިޒާރަށް ހަމަލާދީފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުގައި ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އޭނާ އަށް ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި ހާދިސާ ހިނގިތަނުން ޖާޒީބައެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ގަމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.