ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކުރުމަށް މިރޭ ހަމަޖެހިފައިވާ ބައްދަލުވުން ފަސްކޮށްފި އެވެ.

އަބްދުﷲ ރިޔާޒު އެކޮމިޓީ އަށް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ކޮމިޓީގެ މެމްބަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ކޮމިޓީ އަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ބެލުމަށެވެ.

ރިޔާޒުގެ އެ މަގާމަށް އައްޔަން ކުރި މައްސަލަ ބެލުމަށް ބަންޑާރަ ނައިބް އައިސަތު އާޒިމާ ޝުކޫރާއި މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއީލް (އިބްރާ)ގެ އިތުރުން އަބްދުﷲ ޖާބިރު މިރޭ 21:30 އަށް ކޮމިޓީ އަށް ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޖާބިރު ވިދާޅުވީ ކޮމިޓީގެ ބައްދަލުވުން ފަސްކުރުމަށް ނިންމެވީ ކޮމިޓީގެ މުގައްރިރު ކަމަށާއި އެ ބައްދަލުވުން ފަސްކުރުމަށް ނިންމީ ކޮމިޓީ އަށް އަބްދުﷲ ރިޔާޒު ހާޒިރުވާން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ މަޖިލީހަށް އޭނާ ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެން ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިރޭ ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަމުން ގެންދާ މައްސަލައަކަށް މައުލޫމާތު ސާފުކުރުމަށް މިރޭ އޭނާ ހާޒިރުކުރަން ނިންމާފައިވާ އިރު އެކޮމިޓީން ބެލުމަށް މަސައްކަތް ކުރަމުން ގެންދަނީ ޖިނާއީ ކުށެއްގެ ތުހުމަތު އެކުލެވޭ މައްސަލައެއްގައި ކަމަށެވެ. އަދި އެކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ޖިނާއީ ކުށުގެ މައްސަލަތައް ބެލުން ހިމެނިފައިނުވާ ކަމަށާއި އެފަދަ މައްސަލައެއް އެ ކޮމިޓީން އަށް ބެލިދާނެ ކަމަށް ފުލުހުންގެ އިދާރާއިން ނުދެކޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ޖިނާއީ ކުށުގެ އަމަލުތަކެއް އެކުލެވޭ މައްސަލައެއް ބައްލަވަމުން ގެންދަވަނީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންތޯ ސާފުކޮށްދެއްވުމަށް ވެސް ރިޔާޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން ކޮމިޝަނާ އޮފް ޕޮލިސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށް އެކޮމިޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އޭނާގެ ބައްޕަ މުހައްމަދު ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ދުވަހު އެކަމާ ބެހޭ ގޮތުން މީޑިއާގައި ޝުއޫރު ފާޅުކުރައްވަމުން ކަމަށް ވެސް ސިޓީގައިވެ އެވެ. އަދި މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ކޮމިޝަނާ އޮފް ޕޮލިސް އެކޮމިޓީ އަށް ހާޒިރުކުރަނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ހުރަސް އަޅައި ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.